ޔަމަނުގައި ދިމާވެފައިވާ ހިއުމެނިޓޭރިއަން ކްރައިސިސް އިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތްޕުޅުން އދގެ ހިއުމެނިޓޭރިއަން އެފެއަރޒް އާއި ބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި އިމަރޖަންސީ ރިލީފް ކޯޑިނޭޓަރ މާކް ލޯކޮކް އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ގެދޮރުގެއްލުން އާއްމު ކަމަކަށްވެފައިވާކަން ފާހަގަކުރައްވައި، ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަސާސީ ޚިދުމަތްތަކާ ކާބޯތަކެތިން މަހުރޫމުވެ، ބޭރުގެ އެހީއަށް ބޭނުންވާ 24 މިލިއަން މީހުން މިވަގުތު ޔަމަނުގައި އެބަތިއްބެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޔަމަނުގައި ސުލްހަ ޤާއިމްކުރުމާ މެދުއިރުމަތީގެ ހަމަޖެހުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ގާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ޔަމަނުގައި ބައިނަލްއަޤްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ޙާލަތެއްގައި އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭކަމަށެވެ. އަދި ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަޤްވާމީ މުޖްތަމައު ގުޅިގެން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޔަމަނުގެ ޙާލަތު ބަޔާންކޮށް، އެގައުމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި މި ބައްދަލުވުމުގައި އދގެ މެމްބަރު ގިނަ ގައުމުތަކަކުން ވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދު ވެފައެވެ.