ސޯޝަލް މީޑިޔާގައި ފާޅުކުރާ ޚިޔާލު ސަރުކާރާ ނުގުޅޭތީ ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
މަގާމުން ވަކިކޮށްފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެން އޮޕަރޭޝަންސް އޮފިސަރުގެ މަގާމު އަދާކުރަމުން އައި މީހެކެވެ. އޭނާ ވަކިކޮށްފައިވަނީ، ރައީސުލް ޖުމުހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާތީ ކަމަށް ވަކިކުރި ކަމުގެ ނޯޓިސްގައި ބަޔާންކޮށްފައިވެއެވެ.
އަދި މަގާމުން ވަކިކޮށްފައިވަނީ އަމަލުތައް ތަކުރާރު ނުކުރުމަށް ތަކުރާރުކޮށް އިންޒާރު ވެސް ދިނުމަށް ފަހުގައި ކަމަށް މި ނޯޓިސްގައި ބުނެފައިވެއެވެ.
ސޯޝަލް މީޑިޔާގައި ފާޅުކުރާ ޚިޔާލާ ގުޅިގެން ވަޒީފާއިން ވަކިކުރުމުން އޭނާ ބުނީ ސޯޝަލް މީޑިޔާގައި ވެސް ބޭނުންކުރަނީ ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީ އިން ލިބިފައި އޮންނަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.
އަދި މިސަރުކާރަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރި ސަރުކާރަށް ވެފައި މިގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އޭނާ ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.