ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުގައި ހުންނެވި އަލްއުސްތާޒު އަބްދުﷲ ރާބިއު އެސިސްޓެންޓް ޕީޖީގެ މަގާމަށް ހަމަޖައްސައިފިއެވެ.
ޕީޖީ އޮފީހުން ބުނީ އަލްއުސްތާޛް ޢަބްދުﷲ ރާބިޢު، ޤާނޫނީ ދާއިރާއިން ޚިދުމަށްކޮށްދެއްވަން ފެއްޓެވީ 18 ފެބްރުވަރީ 2009 ދުވަހު އެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުން ކަމަށެވެ. އެ އެއަށްފަހު މެދުކެނޑުމެއްނެތި އެ އޮފީހަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުނެވެ. ރާބިޢުއަކީ މިވަގުތު ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން މިދާއިރާގެ އެންމެ ގިނަ ތަޖުރިބާ ހުރި އެއް ޤާނޫނީ ވަކީލު ކަމަށްވެސް ޕީޖީން ބުނެއެވެ.
ރާބިޢު ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިންނެވެ. އަދި އޭގެ ފަހުން ވިލާ ކޮލެޖުން ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. އަދި ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާތަކާއި، ޓްރެއިނިން ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާއާއި، ޖިންސީ ގޯނާގެ މައްސަލަތައް ތަޙްޤީޤްކުރުމާބެހޭ ދާއިރާއާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނާ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ހިމެނެއެވެ.
އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލުންގެ ގޮތުގައި މިހާރު ތިއްބެވީ އަލްއުސްތާޛް ޢަބްދުﷲ ރާބިޢުގެ އިތުރުން، އަލްއުސްތާޛް ޙުސެއިން ނާޝިދާއި، އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، އަލްއުސްތާޛާ ޝަމްރާ ޝަމީމްއެވެ.