ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޑިއުޓީ އަށް ހެލްތު މިނިސްޓްރީން ގެނައި ބަދަލާ ގުޅިގެން އެކި ހިސާބުތަކުގައި އެކަމާ ދެކޮޅަށް މިއަދު މުޒާހަރާ ކުރަމުން އަންނަ އިރު، މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާ ކަމަށް އައްޑޫގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެފި އެވެ.
ޑިއުޓީ އަށް ގެނައި ބަދަލާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުން ވެސް މިއަދު ވަނީ މުޒާހަރާކޮށްފި އެވެ.
މުވައްޒަފުން ބުނީ އެގޮތަށް ނިންމީ މިނިސްޓްރީން ހެނދުނު ޑިއުޓީ 7:30 އިން މެންދުރު ފަހު 3:00 އަށް އަދި ދެވަނަ ޝިފްޓްގެ ޑިއުޓީ މެންދުރު ފަހު 3:00 އިން ރޭގަނޑު 11:00 އަށް އަދި ތިން ވަނަ ޑިއުޓީ ރޭގަނޑު 11:00 އިން ހެނދުނު 8:00 އަށް ހަމަޖެއްސުމާ ގުޅިގެން ކަމަށެވެ.
މުވައްޒަފުން މި ބަދަލަކީ ވެސް ކޮންމެވެސް ވަރެއްގެ ހައްލެއްް ކަމަށެވެ. އެހެން ނަމަވެސް މިކަން އިތުރަށް ކަށަވަރު ކުރަން ޖެހޭ ކަމަށް މުވައްޒަފުން ބުންޏެވެ.
ޑިއުޓީ ގަޑިތަނަށް ގެނައި ބަދަލާ ގުޅިގެން މިނިސްޓްރީ އަށް މުވައްޒަފުން ފޮނުވި ސިޓީތަކާ ގުޅިގެން، މިނިސްޓްރީން ފޮނުވި ސިޓީގައި ބުނަނީ ޑިއުޓީ ހަމަޖެއްސުމުގައި ބަލާފައި ވަނީ ބަޖެޓް ނެތުން އިތުރު މުވައްޒަފުން ނެގެން ނެތުމާ އެކު ރޭގަނޑު ޑިއުޓީގައި މީހުން ބޭތިއްބުމަށް ކޮންމެހެން ޖެހޭ މިންގަނޑަށް މީހުން މަދުކޮށް، ޑިއުޓީތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ ވިސްނުމުގަ އާއި މީގެ އިތުރުން އެކި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެކި ގޮތްގޮތަށް ޑިއުޓީ ކުރާ ގަޑިތައް އޮތުމުން ހަރަދު ބޮޑުވާ ކަމަށެވެ.
އެހެންވެ ބަޖެޓުން ދެކޮޅު ނުޖެއްސޭތީ އާއި އުސޫލެއްގެ ގޮތުން ޑިއުޓީ އަށް ބަދަލު ގެނައީ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިއީ އެއްވެސް މުވައްޒަފަކަށް ވަޒީފާ އަދާ ކުރުމަށް ދަތި ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫނެވެ. އަދި 7 ގަޑި އަށް ވުރެ އިތުރަށް ޑިއުޓީ ކުރައްވާ ގަޑިތަކަށް ސިވިލް ސާވިސްގެ ގަވައިދުގެ ތެރެއިން ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑި ލިބެމުން ދާނެ އެވެ." މިނިސްޓްރީގެ ސިޓީގައިވެ އެވެ.