Last Updated: November 26, 13:45
Tuesday, November 26, 2024
ޚަބަރު

މާބަނޑު މީހުންނަށް ފަރުވާދިނުމުގައި އަވަސް އިންތިޒާމުތަކެއް ހަމަޖެހެންޖެހޭ: ނާއިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް -- ފޮޓޯ / ރައީސް އޮފީސް

މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޞިއްޙީ ޙާލަތްތަކުގައި ފަރުވާދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމާއި ބެހޭގޮތުންނާއި އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން އިއްޔެ ހަވީރު އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި އަތޮޅުތެރޭގައި ދިމާވާ އެކިއެކި ޞިއްޙީ ކުއްލި ޙާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި، ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން ޞިއްޙީ ދާއިރާގެ ކަމާބެހޭ ބައެއް އިސްފަރާތްތަކުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ އެމެޖެންސީކޮށް ފަރުވާ ދޭންޖެހޭ ޙާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެހޭނެގޮތަށް ކަންކަން ރޭއްވެވުމަށާއި ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެގޮތަށް ވަޞީލަތްތަކާއި އެހެނިހެން ކަންކަން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ނާއިބު ރައީސް މިމޭރުމުން ވާހަކަދެއްކެވިއިރު މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޮޑެތި އިހުމާލުތަކުގެ ތުހުމަތު ކުރަމުން އަންނަ ދުވަސްވަރެކެވެ. އެތައް ރަށެއްގައި މާބަނޑު މީހުންގެ ބަނޑުގައި އޮއްވާ ދަރިން މަރުވެފައިވާ މައްސަލަތައް ފެންމަތިވެފައިވާއިރު ސިއްހީ ހިދުމަތް ދިނުމުގައި ލަސްކަމެއް އުޅޭ ކަމުގެ ޝަކުވާތައް ވެސް އަންނަނީ ކުރަމުންނެވެ.