ކ. ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަޝްރޫއުއާ ގުޅިގެން އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓު ކޮމެޓީގައި މިއަދު އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވަނީ އެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ނައީމް ވިދާޅުވީ ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން ފަޅުން ބައެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއުގައި ތިމާވެއްޓަށް ގެއްލުން ކުޑަކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި އެކަން ޕްލޭނިން މިނިސްޓްރީ އަށް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ނައީމް ވިދާޅުވީ ގުޅީފަޅު ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ވެސް އެހެން ސަރަހައްދުތަކަކަށް ގެންދާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެއީ މަޝްރޫއުގެ ކޮން މަރުހަލާއެއްގައި ހިނގާނެ ކަމެއް ކަމަކަށް ބުނެފައި ނުވާ ކަމަށެވެ. ނައީމް ވަނީ އެ ސަރަހައްދުގެ މުރަކަތައް މަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިހާރު ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާ ގެއްލުން ކުޑަ ކުރަން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. އެ ފިޔަވަޅުތަކާއި އެކު އެ މަޝްރޫއުގެ ސަބަބުން ވިލިގިލީ ފަރަށް އަސަރު ކުރާ ކަމަށް އަދި މިހާތަނަށް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅީފަޅު ހިއްކުމުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެތަނުގެ ވަށައިގެންވާ ފަރުތަކަށް ބޮޑެތި ގެއްލުން ވަމުންދާކަމަށް ބުނެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ރައްޔިތުންގެ މަޖިލީހާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކަށް ވަނީ ގޮވާލާފައެވެ.