ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމަށް ބުނެ ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
ހަސަން ސައީދުގެ މައްޗަށް އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކުރީ މިއަދު އެކޯޓުން އޮންލައިންކޮށް ފުރަތަމަ ފަހަރަށް ބޭއްވި ޝަރީއަތުގައެވެ.
ހައިކޯޓުން މި މައްސަލާގައި ހަސަން ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކުރިއިރު ހަސަން ސައީދު ވަނީ އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް އޭނާ ވަނީ ތަންފީޒު ކޮށްފައެވެ. ހަސަން ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ.
ހަސަން ސައީދު ހޯދުމަށް ފުލުހުން އެންގުމުން އޭނާ ފިއްލެވައި ހުންނަވަނިކޮށް ހައްުޔަރުކޮށްފައިވަނީ ސިފައިން ސުޕުރީމް ކޯޓުގެ ފުރާޅު ޓިނު ނައްޓައިގެން ވަދެ ސްޕްރީމް ކޯޓު ތެރެއިންނެވެ. ނަމަވެސް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ހަސަން ސައީދު ހޯދަން އިއުލާން ކުރި ކަމެއް ފުލުހުން ބުނެފައި ނުވާ ކަމަށެވެ. ފުލުހުން ހަސަން ސައީދުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައިވީ ނަމަވެސް އޭނަ ހޯދަން އިއުލާން ނުކުރާހާ ހިނދަކު ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އޭނާގެ މައްޗަށް ކުރެވެން ނޯންނާނެ ކަމަށް ހުކުމްގައިވެއެވެ.
ހަސަން ސައީދާއި ދެކޮޅަށް ސިއްރު ހެކިބަސް ނެގިއިރު ހެކިބަސް ނެގި މީހުންގެ އަދުލުވެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށްވެސް ހުކުމްގައިވެއެވެ. އަދި ހަސަން ސައީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމީ ވެސް އެކަށީގެންވާ ސަބަބެއް ނެތި ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ބުންޏެވެ.
އެހެންކަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ހަސަން ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލް ކުރުމަށެވެ.