Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އަައްޑޫ ފްލައިން ސްކޫލްގެ ކިޔެވުން ފޭސް 2 ގައި ފެށޭތޯ ބަލަނީ

Photo: Asian Academy of Aeronautics

އައްޑޫ ގަމުގައި ހިންގަމުންދާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (ފްލައިން ސްކޫލް) ގެކިޔެވުން ފޭސް 2 ގައި ފެށުމުގެ މަޝްވަރާތައް ފަށައިފިއެވެ.

ނޭޝަލަން އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު ހަޔަރ އެޑިއުކޭޝަން ސެންޓަރު ތަކާއި ސްކޫލްތައް ބަންދު ކުރެވިފައި ހުރި މައިގަނޑު ސަބަބަކީ އެތަން ތަނަކީ ގިނަ މީހުއް އެއްވެ އުޅޭނެ ތަންތަން ކަމަށް ވުމެވެ. ނަމަވެސް ފްލައިން ސްކޫލް ފޭސް 2 ގައި ހުޅުވުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ފްލައިން ސްކޫލްގެ އިޝޫގަ ފޭސް 2 ފެށޭ އިރުގަ މިއަށް ބަދަލުތަކެއް ގެނެވިދާނެތޯ އެއީ މިހާރު ކުރެވެމުންދާ މަޝްވަރާތަކަކީ. ދެން ކުރިއަށް އޮތް ހަފްތާ ނިމޭއިރުގަ ކޭސްތައް ފެންނަ ގޮތް ކޮންޓްރޯލް ތެރޭގައި ހުރި ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެންގެ ފޭސް 2 އެކްޓިވޭޓް ވެގެންދާނެ. އޭރު މިސްކޫލްގެ ކަންތައް ވެވޭނެ ގޮތެއް އޮތްތޯ ބަލަމުން މަޝްވަރާ ކުރެވެމުން ދަނީ." މަބްރޫކް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕައިލެޓުކަން ކިޔަވަމުން ދާ 175 އެއްހާ ދަރިވަރުން މި ސްކޫލްގައި މިހާރު ކިޔަވަމުންދާ ކަމަށް ފްލައިން ސްކޫލުން ވަނީ "އައްޑޫލައިވް" އަށް މައުލޫމާތު ދީފައެވެ. އަދި މި ދަރިވަރުންގެ ކިޔެވުން ނުފެށި ލަސްވުމުގެ ސަބަބުން ސްކޫލްގެ ފަރާތުން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

އެގޮތުން ގިނަ ދަރިވަރުންނަކީ އެކި ކަހަލަ ސްޓޫޑެންޓް ލޯން ތަކުގައި ކިޔަވާ ދަރިވަރުން ކަން އެ ސްކޫލުން ފާހަގަކޮށްފައިވެއެވެ. އަދި ގިނަ ދަރިވަރުންނަކީ ފްލައިޓު ދުއްވުމުގެ އަމަލީ ބައި ދަސްކުރަމުން ދާ ދަރިވަރުން ތަކެއްކަން ވެސް ސްކޫލުން ފާހަގަ ކުރިއެވެ.

މިއާއެކު މިކުދިންގެ ލޯނު ދެއްކުން ފަސްކޮށްދިން ނަމަވެސް، މިހާ ބޮޑު ބަންދަކަށް ފަހު، ދުއްވުމުގެ "ޓަޗް" ގެއްލުމުގެ ފުރުސަތު ބޮޑުވާނެއެވެ. އަދި ދުއްވުމުގެ ބައިތައް އަލުން ފަރިތަ ކުރުމަށް އިތުރު ތަމްރީނު ތަކެއް ބޭނުން ވާނެއެވެ. ދުއްވާ ކޮންމެ ގަޑިއިރަކަށް ސްކޫލަށް ފައިސާ ދައްކަން ޖެހޭ އިރު، އިތުރު ގަޑިތަކަކަށް މިދަރިވަރުން މިހާރު ފައިސާ ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން، މި ދަރިވަރުން މިހާރުވެސް ލޯނުގެ ސްޓައިޕެންޑުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ޚަރަދު ކުރަން ޖެހޭއިރު، އިތުރު ތަމްރީނު ތަކާއެކު، ކޯސް ދިގު ދެމިގެން ދިޔުމުގެ ސަބަބުން ކޯހަށް ބޭނުންވާ ފައިސާ ދެއްކުމުގައިވެސް ކުރިއަށް އޮތް ތަނުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ފްލައިން ސްކޫލުން އިތުރަށް މައުލޫމާތު ދިން ގޮތުގައި މިހާރު ފްލައިން ސްކޫލް އޮތީ ނިއު ނޯމަލް އަށް ތައްޔާރުވެފައި ކަމާށާއި، އެޗްޕީއޭއިން އަންގާ ގޮތަކަށް ދަރިވަރުންގެ ކިޔެވުން ފެށުމަށް ތައްޔާރުވެފައެވެ. އަދި މިކަމާއި ގުޅޭ ހުއްދަތައް ހޯދުމަށް ސްކޫލުން އެޗްޕީއޭއަށް އީމެއިލް ކުރި ނަމަވެސް އަދި އެކަމާއި ގުޅޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ..

މިކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.