Last Updated: November 26, 11:52
Tuesday, November 26, 2024
ޚަބަރު

އާމިރާ ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

އާމިރާއަށް މަގާމުގެ ލިޔުން ރައީސް ސޯލިހު ދެއްވަނީ --

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް މަގާމުން ވަކި ކުރަން ފެނިއްޖެ ހާލަތެއްގައި އެކަން މަޖިލީހުގެ ރިޔާސަތަށް އަންގަން ޖެހެއެވެ. އަދި އެއަށްފަހު މަޖިލީހުގެ ރިޔާސަތުން އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރުމަށްފަހު އެ މައްސަލަ އެ މައްސަލައެއް ހާއްސަ ކުރެވިފައިވާ ކޮމެޓީއަކަށް ފޮނުވާނެއެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަަޝީދު ވަނީ އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވިކަން އިއުލާން ކުރައްވާފައެވެ.

އާމިރާ އެ މަގާމަށް ރައީސް ސޯލިހު އައްޔަން ކުރެއްވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ރުހުންވެސް ލިބިވަޑައިގެން، މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އާމިރާ އެ މަގާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ 71 މެންބަރުން ވޯޓު ދެއްވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އާމިރާ ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލި 13 މީހެއްގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރިއިރު، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އާމިރާ އަށެވެ. އެ ކޮމިޓީން އާމިރާ އަށް އޭރު ވަނީ 89 ޕަސަންޓު މާކްސްއެއް ދީފައެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) ގެ އަނބިކަނބަލުން އާމިރާ މަގާމުން ވަކިކުރުމާއި ގުޅޭ މައްސަލަ ފެށުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ.

މެންބަރު ޝަފީގު ވަނީ އާމިރާއަކީ މިސަރުކާރުން އައްޔަން ކުރައްވާފައިވާ މެންބަރެއް ކަމުގައިވީ ނަމަވެސް އޭނާ ވަކި ނުކުރެވޭނެ ކަމަށް ސިވިލް ސާވިސް ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ. އެހެންކަމުން އާމިރާ ހިމެނޭ ގޮތުން ސިވިލް ސާވިސް ކޮމިޝަންގައި ދެން ތިއްބެވި މެންބަރުންވެސް މަގާމުން ވަކިކުރަން ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ޝަފީގު ވަނީ ހުށަހަޅާފައެވެ.

އާމިރާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ކޮމިޓީގެ ހަ މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ.