Last Updated: November 26, 11:52
Tuesday, November 26, 2024
ޚަބަރު

ކޮވިޑް19: މަޖިލީހުން ދޭ ލަފާ ރައީސްއަށް އަރުވައިފި

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ހިންގުމަށް ރާވާފައިވާ މަސައްކަތްތަކާއި އަދި އެ ބައްޔާއި ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދިރާސާކުރި މައްސަލާގައި މެންބަރުންނަށް ފެނިވަޑައިގެންނެވި ލަފާތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުއްވައިފިއެވެ.

ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ދިރާސާކުރުމަށްފަހު، އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީތަކުން ފާހަގަކޮށްފައިވާ ހޯދުންތަކާއި ހުށަހެޅުންތަކާއި ގުޅޭގޮތުން ވަނީ ރިޕޯޓެއް އެކުލަވާލައިފައެވެ.

މި ރިޕޯޓު ރައީސް އޮފީހުގައި ރައީސް ސޯލިހާއި ބައްދަލުކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އަރުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ ރިޕޯޓުގެ ބޭނުމަކީ، ކޮވިޑް19 އާ ގުޅިގެން ދިވެހިރާއްޖޭ މިހާރު އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަން ޤަސްދުކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ލަފައެއް ސަރުކާރުގައި ދެންނެވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ހުށަހެޅުންތަކުގައި، މިވަގުތު ދިވެހިރާއްޖެއަށް މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްޞީލާއި އަދި، ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ގޮތްތަކާއި އެކަމުގެ ތަފުސީލު ހިމަނާފައިވެއެވެ.

މީގެއިތުރުން، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ މިންވަރާއި އަދި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ ފަރާތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ އިތުރު އިޖްތިމާޢީ މައްސަލަތަކާއި، ބޯހިޔާވެހިކަން ގެއްލޭނެ މިންވަރާއި، އެކަންކަން ގޮސްދާނެ މިސްރާބަކާ ގުޅޭ ދިރާސާތައް ވެސް ރިޕޯޓުތަކުގައި ހިމަނާފައިވެއެވެ. އަދި، މާލެއާއި އެހެން ރަށްރަށުގައި ބަންދުވެފައި ތިބި މީހުންނާއި، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ބޯހިޔާވެހިކަން ގެއްލޭ ފަރާތްތަކަށް އެހީވެވިދާނެ ގޮތުގެ ލަފައެއްވެސް ހިމަނާފައިވެއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތައް ރައީސް ސޯލިހު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.