އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވެފައިވާ ފުލުހުން އަދިވެސް ފުލުހުންގެ މުއައްސަސާގައި އެބަ ތިބި ކަމަށާއި އެމީހުންގެ މަގާމުތަކުން އެމީހުން ސަސްޕެންޑު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ބިލަށް މިއަދުގެ ޖަލްސާގައި މެންބަރަކު ބަހުސް ކުރައްވާ ނިންމެވުމުން އިތުރު މެންބަރަކަށް ފުރުސަތު އެރުވުމުގެ ކުރިން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލާގައި ޝާމިލުވާ ފުލުހުން މަގާމުތަކުގައި އަދިވެސް އެބަ ތިބިކަން ފާހަގަކުރައްވާ ނަޝީދު ވަނީ ފުލުހުންގެ ތެރެއިން އެ މައްސަލަ އަށް ހުރަސް އަޅަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.
"އެ އޮފީހުގައި އެ ކުދިން ތިބެމެ ދެން ވަރަށް އުނދަގޫ ވާނެ އެ ބޭފުޅުން މެދުވެރިކޮށް ތަހުގީގެއް ގެންގޮސް ކަންކަން ނިންމަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ވަރަށް ގިނަ ގޯސްތައް ހިނގަމުން އަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެމަނިކުފާނު ވަނީ ފުލުހުންގެ ތެރެއިން އެމްއެމްޕީއާރްސީ މައްސަލާގައި ޝާމިލިވާ ފަރާތްތައް ސަސްޕެންޑު ކުރަން ކޮންމެހެންވެސް ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކާ ވެސް ގާތް ގުޅުން އޮންނަ ފުލުހުން އުޅޭ ކަމަށް ވިދާޅުވި އެވެ. މިކަމާ މެދު މެންބަރުން ވިސްނަވަން ވެސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
"ހަމަ އެއާއެކު އަޑީދައުލަތެއް އޮތް ކަމަށް އެތައް ބަޔަކަށް އެބަ އެނގޭ. އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް ހަމަ އެއްގޮތަކަށް ވެސް ނޭނގި،" ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައި ވަނީ އެފަދަ ކަންކަން ރަނގަޅު ކުރުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.