ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މައާފަށް އެދެން ޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދެ ދުވަހު މަޖިލީހުގެ ޖަލްސާ ބޮއިކަޓް ކުރެއްވީ، މަޖިލީހުގެ ރައީސް ގަވައިދާ ހިލާފުވެ، މާރަމާރީ ހިންގަވާފައިވާތީ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށާއި މިކަމާ ގުޅިގެން ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ޖަންގަލީ ސިންގާ ވެރިކަންކުރާ އުސޫލުން ހިންގަން ހުންނަ ތަނެއް ނޫން ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު މަޖިލިސް ޖަލްސާ އަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް މެންބަރުން ވަޑައިނުގެންނެވި ނަމަވެސް އެކަން އެއްވެސް ވަރަކަށް ފާހަގަވެވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ މެންބަރުން [އިދިކޮޅު މެންބަރުން] މަޖިލީހަށް ވަޑައިނުގަންނަވާކަން އެހާ ބޮޑަށް ފާހަގަނުވަނީ އެ ކޯލިޝަންގެ މަޖިލިސް މެންބަރުންގެ އަދަދު މަދުވުމުން ކަމަށެވެ. ނަޝީދު ވަނީ އެ ކޯލިޝަންގެ މެންބަރުންގެ އަދަދަކީ ދެތިން މެންބަރުން ކަމަށް ވިދާޅުވެފައެވެ.
އިއްޔެގެ ޖަލްސާވެސް އަދި މިއަދުގެ މަޖިލިސް ޖަލްސާވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބޮއިކޮޓު ކޮށްފައެވެ. ޖަލްސާތައް ބޮއިކޮޓު ކުރި ސަބަބު ބަޔާންކޮށް އެ ކޯލިޝަންގެ ޖޮއިންޓު ޕީޖީން ވަނީ ބަޔާނެއްވެސް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުން ލައްވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަށް އަނިޔާކޮށް، ޝިޔާމްގެ ހާލު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެމްބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓު ލުމުގެ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.
އަދި މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށާއި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެމްބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އާއި އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިނގަމުންދާތީ އިދިކޮޅު މެމްބަރުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވެސް ބައިވެރި ނުވާނެ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ވަނީ މަޖިލީހުގައި ހިނގާދިޔަ ކަންކަން ރާއްޖެ އަށް ޑިމޮކްރެސީގެ ނިޒާމެއް ގެނައުމަށް މީގެކުރިން ވަކާލާތު ކުރަމުން އައި ސިޔާސީ ޕާޓީތަކުންނާއި އަދި މަޖިލީހުގެ މެމްބަރުން ވެސް ކުށްވެރިކުރަންޖެހޭ ކަމަށްވެސް ބުނެފައެވެ.
މަޖިލީހުގެ އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން ޝިޔާމް އަންނަނީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ތައްޔާރުވަމުންނެވެ. އިދިކޮޅުން ވަނީ އެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ޝިޔާމަށް އަނިޔާކޮށްފައިވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އެންގެވުމަށް ކަމަށް ތުހުމަތުކޮށްފައެވެ.