Last Updated: November 26, 11:52
Tuesday, November 26, 2024
ޚަބަރު

ރައީސާއި ނާއިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުސާރަ ކުޑަ ކުރި މައްސަލަ ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ރައީސުލް ޖުމްހުރިއްޔާގެ މުސާރައަކީ (ގާނޫނު ނަންބަރު 11/2009) ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުން ލިބިދޭ މުސާރަ އާއި އެލަވެންސެކެވެ. މި ގާނޫނު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100,000 (އެއްލައްކަ) ރުފިޔާ އެވެ.

ގާނޫނަކުން ރައީސްގެ މުސާރަ ނިންމާފައިވަނިކޮށް އެގާނޫނަށް ބަދަލު ނުގެނެސް މަޖްލިސްގެ ކޮމެޓީއަކުން ނިންމާ ރިޕޯޓަކަށް ބިނާކޮށް ނިންމާ ނިންމުމަކުން ރައީސްގެ މުސާރަ އާއި އެލަވެންސް އުނި ނުކުރެވޭނެކަމަށް ބައެއް ގާނޫނީ ފަރާތްތަކުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ގާނޫނުގައި ރައީސާއި ނާއިބު ރައީސްގެ މުސާރަ ވަކި ބަޔާންކޮށްފައި ވަނިކޮށް އެ ގާނޫނަށް [ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައާ އިނާޔަތްތައް ބަޔާންކޮށްފައިވާ ގާނޫނު] އެއްވެސް ބަދަލެއް ނުވަތަ އިސްލާހެއް ގެނައުމަކާއި ނުލާ އެ ދެބޭފުޅުންގެ މުސާރަތައް ކުޑަ ނުކުރެވޭނެ ކަމަށެވެ.

ގާނޫނެއްގައި މުސާރައާ އިނާޔަތްތައް ހަމައެކަނި ކަނޑައަޅާފައިވާ ދެ ބޭފުޅުންނަކީ އެ ދެބޭފުޅުން ކަމަށާއި އެކަން އެގޮތަށް ކޮށްފައި އޮތް މަގުސަދަކީވެސް ބޭނުން ވަގުތެއްގައި އެ ދެބޭފުޅުންގެ މުސާރައާ ކުޅެވޭނެ ގޮތް ނުވުން ކަމަށްވެސް އޭނާ ކޯޓަށް ހުށަހެޅުއްވި މައްސަލާގައިވެއެވެ.

ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލްގެ މުސާރަ 35 ޕަސެންޓު ކުޑަ ކުރުމަށް މަޖިލީހުން ނިންމީ މިދިޔަ މަހުއެވެ. 35 އިންސައްތަ އުނިކުރުމާއެކު ރައީސްގެ މުސާރައިން 35000 ރުފިޔާ އަދި ނައިބު ރައީސްގެ މުސާރައިން 26250 ރުފިޔާ އުނިކުރެވޭނެއެވެ.