(އޮގަސްޓް 11، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
"ތިއޭ މައްސަލައަކީ…ކަލޭ ހީކުރަނީ ބޭރު ގައުމަކުން ދެ އަކުރު ކިޔަވައިގެން އައިމާ މާ މޮޅުވިޔޭ. މީހުން ކަލެއަށް ސްޕޮންސާ އެ ދެނީ އަހަރެންގެ ދަރިިޔަށް ވާތީ. އެ މީހުންނަށް އެނގޭނެ މަޅިޔެއް އަަރައިގެން ދާއިރަށް ބައްޕަގެ އަގުނު ކުރެވޭ ތިޖޫރި ކަލެއަށް ދޭނެކަން. ނިކަން ތިޔަ ނަން އެކަނި ބޭނުން ކޮށްބަލަ ތަފާތު ފެންނާނެ." ޔޫނުސް ބުންޏެވެ.
"ބައްޕަ ތިހާ ބޮޑަލީ ކީއްވެ؟ ބައްޕަ ހީކުރައްވަނީތަ އަހަރެންނަަށް އެކަނި އަތްފައި މައްޗަށް ނުތެދުވެވޭނެއޭ ބައްޕައާ ނުލާ. އަހަރެންގެ މަގުން ތެދުވުމަށްޓަކާ ބައްޕަގެ މަޝްހޫރުކަމުގެ ސެޓްފިކެޓާއި ފައިސާގެ ހިޔަނި ބޭނުމެއް ނޫން."
"އެންމެ ރަނގަޅު. ދެން ތިކުރާ ކަމެއް އެކަނި ކޮށްފަ ދައްކަބަލަ." ޔޫނުސް އެތަނުން ދުރުވަމުން ބުނެލި އެވެ. އަދި ވަހީދާ އާ އަރާހަމަ ކޮށްފައި ހުއްޓިލި އެވެ.
"އަހަރެން ހިތަށް އަރާ ފައިސާ ޙަރަދުކޮށްގެން އޭނައަށް ކިޔަވައި ދެވުނީ މި ދުވަސް ދެކެންބާވައޭ. ތައުލީމު ލިބި ހުރި ފުރިހަމަ ޒުވާނަކަށްވެ އައިސް އަހަރެންނާ އެކު މަސައްކަތް ކުރަންވީމަ ބަދަލުގަ ޖަދަލުކޮށް ޒުވާބު ކުރަން ދަސްވެފަ ހުރި ތަން އެހެރަ ފެންނަނީ."
"އުނައިސް އަޅުގަނޑަށް ހީވަނީ މިކަންތައް މިހާރު މާ މައްޗަށް ގޮއްސިހެން. ހިނގާ އެތެރެ އަށް." މިހެން ބުނަމުން ސަލީމް އުނައިސްގެ އަތުގަ ހިފައި ދަމަން ފެށިއެވެ. އުނައިސް އަތް ފޮޅުވާލަން އުޅެނިކޮށް ސަލީމް އަރި އަޅާލައިގެން ގޮސް އެތާ ހުރި މޭޒްގައި ޖެހުނެވެ. އެ ވެސް ވީ އުނައިސް ކޮށްޕާލީ ކަމަށެވެ.
"ޔޫނުސް އަޅުގަނޑަށް ހީވަނީ ކަލާ ހިސާބަށް ވުރެ ރުޅި ގަދައީހެން. ނިކަން އުނައިސް ގެ ވާހަކަ އައްސަވަބައްލަވާ." ވަހީދާ ވާހަކަ ދެއްކި އެވެ.
"އަހަން އޮތީ ކޮން ވާހަކައެއް؟ ފެނެއެއްނު ސަލީމް ކޮށްޕާލިތަން. އަސްލު އެއީ އަހަރެން ކޮށްޕާލުން."
"ކަލާ ވެސް ދެކެލައްވާނެ އޭނަ ގަސްދުގަ ކުރިކަމެއް ނޫންކަން އެއީ."
"ތި އޭ މައްސަލައަކީ…ވަހީދާކައަށް ނުފެނޭ އޭނާގެ ނުބައި ސިފަތައް. މިގޭގަ ހިނގާނީ އަހަރެންގެ ހުކުމް. އަހަރެން މިހަރު މި ބުނަނީ އުނައިސް ޖެހޭނީ މިގެއިން ދާން ހަމަ މިހާރު މިި ވަގުތު."
"އެކަމަކު އޭނާ ވަކި ދަނީ ކޮން ތާކަށް؟"
"ތީ އަހަރެން ބަލަން ބޭނުން ކަމެއް ނޫން. ހަމަ މިހާރު މި ގެއިން އޭނާ ޖެހޭނީ ނިކުންނަން."
އެވަގުތު އުނައިސް ހައިރާންކަމާ އެކު ބައްޕައަށް ބަލާލި އެވެ. އަދި އޭނާގެ ކޮޓަރިއަށް ވަދެ އޭނާގެ ލެޕްޓޮޕް ނަގައި ކޮނޑުގައި އެޅުވި އެވެ. އަދި ގެއިން ނިކުންނަން ހިނގައިގަތެވެ. ފަހަތުން ވަހީދާ އައިސް ރޮއިރޮއިފައި ހުއްޓުވަން އުޅުނެވެ. ނަމަވެސް އުނައިސް މަޑެއް ނުކުރި އެވެ.
"ބައްޕަ އެހެން ބުނީ ރުޅިއައިސްފަ ހުރީމާ. ދަރިފުޅު މަޑުކުރޭ." ވަހީދާ ރޮމުން އުނައިސްގެ ކޮނޑުގައި އޮތް ދަބަހުގައި ހިފަހެއްޓި އެވެ. އެވަގުތު ތާނިޔާއާއި އައިޝާ ވެސް ރޮމުން އުނައިސް ކައިރިއަށް ދިޔަ އެވެ.
"ދޮންބެ މަޑުކުރޭ…."
"ކަލޭމެންނަކަށް ނީވޭތަ ބައްޕަ ބުނުއްވި އަޑު މިއީ ބައްޕަގެ ގެޔެކޭ މިގޭގަ ހިނގާނީ ބައްޕަގެ އަމުރޭ މިގެ އަށް ކަންތަކާ ހުކުމް ކުރެޥޭނީ ބައްޕައަށޭ. ބައްޕަ ހުކުމް ކުރީ އަހަރެން މި ގެއިން ނިކުންނަން. ވީއިރު ކިހިނެއް އަހަރެން މި ގޭގަ ހުންނާނީ؟"
އެ ވަގުތު ސަލީމް ވެސް މަތިމަތިން އުނައިސް ހުއްޓުވަން މަސައްކަތް ކުރަމުން ދާކަން ދެއްކި އެވެ.
"ދޫކޮށްލާ…ބައްޕަ އާއި ފިރިހެން ދަރިއެއްގެ ރުޅިއަކީ މި ބީއްސާލާ ރާޅު ކަހަލަ ރުޅިއެއް. ހިނދުކޮޅަކުން ތި ރުޅި މައިތިރީވީމާ ގެއަށް އައިސް ދާނެ." އެވަގުތު ރަހްމާނު ހުރެފައި ބުނެލިއެވެ. އެންމެން ދޫކޮށްލާ އިރަށް އުނައިސް ނިކުމެ ސައިކަލަށް އަރައިގެން ދިޔައީ އެވެ.
(ނުނިމޭ)