Last Updated: November 26, 10:25
Tuesday, November 26, 2024
ޚަބަރު

މަޖިލިސް ކުރިޔަށް ގެންދަން ބޭނުމީ މައިނޯރިޓީއާ ވެސް އެކު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ނުލާ މަޖިލީހުގައި އޮންނަ މައިނޯރިޓީ ޕާޓީއާ ނުލާ މަޖިލިސް ޖަލްސާ ހިންގަން ބޭނުން ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް އެމަނިކުފާނު ބައެއް ފަހަރު ކަންކަން ކުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެއީކީ އަބަދަކު އެކަން އެމަނިކުފާނު ކުރައްވާނެ ގޮތެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ނުދެކުމަށް މެންބަރުންގެ އަރިހުން ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ. ހާއްސަ ގޮތެއްގައި އިދިކޮޅު މެންބަރުންގެ ކިބައިންނެވެ.

"އަދި އަޅުގަނޑުު ނިކަމެތިވާންވީ ވަރަކަށް ނިކަމެެތިވެސް ވާނަން. މިދެންނެވި ހަމަ މިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެމެހެއްޓުމަށް ޓަކައި، އެއީ އަޅުގަނޑު ނިކަމެތިވާން ޖެހޭ ކަމެއް ކަމުގައި ވަނީ ނަމަ އިރާދަކުރެއްވިއްޔާ އެކަން ވެސް ކުރާނަން،" ނަޝީދު ވިދާޅުވިއެވެ. 

އިދިކޮޅުން މިއަދުވެސް ވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވާން ނިންމައިފައެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުން ލައްވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަށް އަނިޔާކޮށް، އިދިކޮޅު މެމްބަރުން ތަޅުމުން ބޭރުކޮށް މަޖިލީހުގެ ދޮރުތަޅުލާފައިވާ ކަމަށެވެ.

އަދި މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށާއި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެމްބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އާއި އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިނގަމުންދާތީ އިދިކޮޅު މެމްބަރުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވެސް ބައިވެރި ނުވާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ވަރަށް ހުދުމުހުތާރު ގޮތެއްގައި މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހިންގަވާތީ ކަންބޮޑުވާ ކަމަށާއި، ކިތަންމެ ބޮޑު މެޖޯރިޓީއެއް ލިބިފައިވީ ނަމަވެސް މައިނޯރިޓީއާ ނުލައި މަޖިލިސް ހިންގަވަން މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރުމަކީ ޑިމޮކްރެސީގެ ޗެމްޕިއަނުން ކަމަށް ވަކާލާތު ކުރާ ބައެއްގެ ފަރާތުން ފެނިގެންދާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.