ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމަށް މަޖިލީހުގެ އިދާރާއިން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އެންއައިސީ އަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ހޯދާފައިވާ މައުލޫމާތުތަކުން ފާހަގަކުރެވޭ ކަމަށެވެ.
އަދި އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން އެ ކޮމިޝަނުގެ މައްސަލަ ބަލަމުން އަންނަ ކަަމަށާއި އެގޮތުން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސަބް ކޮމެޓި އަކުން އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
އަދި އެ ސަބް ކޮމެޓީން މައްސަލަ ދިސާރާކުރަމުން ދިޔައިރު، އެންއައިސީއަށް ހުށަހެޅި ބައެއް މައްސަލަތައް ނުވަތަ ޝަކުވާތައް އެ ކޮމިޝަނުން ބަލާފައި ނުވާކަން ފާހަގަކުރެވޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެހެންކަމުން، ގާނޫނު ތަންފީޒުކުރާ އިދާރާއަކާ ނުވަތަ އެ އިދާރާއެއްގެ މުވައްޒަފަކާ ގުޅޭގޮތުންއެ ކޮމިޝަނަށް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ބަހެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް މަޖިލީހުން ދެކޭ ކަމަށާއި އެގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ނުވަތަ ޝަކުވާއަކާއި ގުޅޭ ގޮތުން ނަމަވެސް ސަބް ކޮމިޓީއަށް މައުލޫމާތެއް ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
އެހެންކަމުން މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެ މައުލޫމާތެއް ހުށަހަޅުއްވާ ފަރާތުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ބަޔާންކޮށް، އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.