ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް މިދިޔަ މާޗް މަހުގެ ތެރޭގައި ހަމަޖެއްސެވި ސ. ފޭދޫ ބެލޫން އަލްއުސްތާޒާ މަރިޔަމް ވަހީދު ހިތަދޫ ކޯޓްގައި މިއަދު ރަސްމީކޮށް މަސައްކަތް ކުރައްވަން ފަށްޓަވައިފި އެވެ.
ކުރިން ކ. ގާފަރު ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި މަރިޔަމް ވަހީދު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލު ކުރުމަށް ޖޭއެސްސީން ނިންމީ މަރިޔަމް ވަޙީދަކީ އަންހެން ބޭފުޅަކަށްވެފައި ބަދަލުވުމަށް އެދިވަޑައިގެންފައިވާތީ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
އަދި މަރިޔަމް ވަޙީދު ބަދަލު ކުރީ އެއީ އޭނާގެ ރަށް ހިމެނޭ އަތޮޅަށްވާތީ އާއި މަރްޔަމް ވަޙީދު މިހާރު ހުންނެވި ގާފަރުގެ އާބާދީ އަށް ވުރެ ބަދަލުވާން އެދިލައްވާފައިވާ ހިތަދޫގެ އާބާދީ ވަރަށް ބޮޑަށް އިތުރުވުމާއި، ވޭތުވެ ދިޔަ 2 އަހަރުގައި ގާފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދަށް ވުރެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދު އިތުރު ކަމަށް ވާތީ އެވެ.
މަރިޔަމް ވަޙީދު ހިތަދު އަށް ބަދަލުވާން އެދިލައްވާފައިވާ ހިތަދޫ ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންގެ ޢަދަދު އެއްވަރު ނަމަވެސް ގާފަރު ޖުޑީޝަލް ދާއިރާ އަށް ވުރެ ހިތަދޫ ޖުޑީޝަލް ދާއިރާ އަށް ގިނަ މެޖިސްޓްރޭޓުން ބޭނުންވާތީ، މަރިޔަމް ވަޙީދު އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ބަދަލު ކުރަން ކޮމިޝަނުން ނިންމީ ކަމަށެވެ.
މަރިޔަމް ވަޙީދު ގާފަރު ކޯޓަށް ބަދަލުވުމުގެ ކުރިން ހުންނެވީ އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރެއްގެ މަގާމު ގަ އެވެ.