މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް ހޫދު ކުރައްވާފައިވާ ޓްވީޓެއްގައި މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީ އުވާލައްވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީ އުވާލައްވާފައި މިވަނީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރު ރޭ އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކާއި މެދު ސޯޝަލް މީޑިއާގައި ބަހުސްތައް ކުރެވެމުން ދިޔަ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާތިފާ އިސްތިއުފާ ހުށަހެޅުއްވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ހައުސިން މިނިސްޓަރުގެ މަގާމުގައި އާތިފާ ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރްއެމްގެ ފަރާތުންނެވެ. އެމްއާރްއެމް އަކީ ސަރުކާރުގެ 20 ޕަސެންޓު ހިއްސާ އޮންނަ ޕާޓީއެކެވެ.
އާތިފާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި އާތިފާގެ ގާބިލްކަމެއް ނެތް ކަމަށް ވިދާޅުވެ އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި އެމްޑީޕީގެ އިސް މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ދަނޑިވަޅެއްގައެވެ.
މިއީ މި ސަރުކާރުން އިސްތިއުފާ ދެއްވި ދެވަނަ ވަޒީރެވެ. އެގޮތުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ފަރާތުން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެވެ. ނަމަވެސް ޝިދާތާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ބޭފުޅެއް ނޫނެވެ.