ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެ ރަށް ހިމެނާ ފެލިދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ނުކުރާ ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ފަޒުލް އެ ގަރާރު މަޖިލީހަށް ހުށަހެޅީ މިއަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އަދި މަޖިލީހުން އޭގެ ހަތަރު މަސް ފަހުން އެ ގަރާރު ކުއްލި އަކަށް އެޖެންޑާކޮށް މަޖިލީހުގެ ގަވާއިދާއި ހިލާފަށް އެ މައްސަލަ ބޭރު ކޮށްލާފައިވާ ކަމަށެވެ. އެކަމުން ވެސް ފެނިގެން ދިޔައީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ "ހުދުމުހުތާރުކަން" ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި ނަޝީދުގެ ހިތުގައި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހުތިރާމެއް ނެތްކަން ވެސް ހާމަވެއްޖެ ކަމަށް ބަޔާނުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ގަރާރު މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުން ބޭރުކޮށްލުމުގައި ރައީސް ނަޝީދު ދައްކަވާފައިވާ ހުއްޖަތަކީ އިދިކޮޅުން ބަލައިގަންނަ ހުއްޖަތެއް ނޫން ކަމަށެވެ.
ނަމަވެސް އެކަން ދޮގުކޮށް މަޖިލީހުގެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެ ދާއިރާގެ މެންބަރު ފަޒުލް ހުށަހެޅުއްވި ގަރަރު މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފައި ނުވާ ކަމަށެވެ. އެ ގަރާރުގައި މަޖިލީހުގައި އެބަ އޮތް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދުވަހު އެ މައްސަލ ކުރިޔަށް ގެންދެވިފައި ނުވަނީ އެ ދުވަހުގެ ޖަލްސާ އަށް ފަޒިލް ސަލާމް ބުނުއްވުމުން ކަމަށެވެ.
އިދިކޮޅުން ބުނީ މަޖިލީހުގެ ރައީސް ނަޝީދުގެ އަނިޔާވެރިކަމާއި، ހުދުމުހުތާރު ކަމުގެ ސަބަބުން، މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް މިނިވަންކަމާއި އެކު ހަރަކާތްތެރިވެވޭނެ މާހައުލެއް ނެތުމާއި އެކު، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާން އެ ކޯލިޝަންގެ ޕާލަމަންޓްރީ ގްރޫޕުން ނިންމާ އެކަން އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، ގަރާރު ހުށަހެޅުއްވި މެންބަރު މަޖިލީހުގައި ހާޒިރުވެ ނެތުމުން ކަމަށް ބުނެ ގަރާރު ތަޅުމުން ބޭރުކޮށްލެވޭނެ އެއްވެސް ހަމައެއް މަޖިލީހުގެ ގަވާއިދުން ފެންނާން ނެތް ކަމަށް އިދިކޮޅުން ބުނެއެވެ.
އެކޯލިޝަނުން ވަނީ މައިނޯރިޓީގެ އަޑު ކަނޑުވާލުމުގެ ގޮތުން މަޖިލީހުގެ ރައީސް ހުދުމުހުތާރުކަމާއި އެކު ކުރައްވަމުން ގެންދަވާ ކަންކަން މަޖިލީހުގެ އަމީންއަންމާއި، ކައުންސެލަރ ޖެނެރަލާއި އަދި ސާޖަންޓް އެޓް އާމްސް ނުހުއްޓުވާ އެކަން ކަމަށް ހިތްވަރު ދެއްމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.