Last Updated: November 28, 11:48
Thursday, November 28, 2024
ރިޕޯޓް

ޝަކީބާ: އައްޑޫގެ ލާމަސީލް އަންހެނެއް!

ޝަކީބާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު. ފޮޓޯ/ ޖޭޑް

އައްޑޫން ފާހަގަކޮށްލެވޭ ހިދުމަތްތެރި އަދި ނަމޫނާ އަންހެނަކު ނަގާ ނަމަ އެ ލިސްޓްގެ ހަމަ އެންމެ ކުރިއަށް މަރިޔަމް ޝަކީބާގެ ނަން އަންނާނެކަން ޔަގީނެވެ.

އެއީ އައްޑޫން ފާހަގަކޮށްލެވޭ ވަރުގަދަ ޝަހުސިއްޔަތެކެވެ. ނަމޫނާ މަންމައެކެވެ. މާމައެކެވެ. މަދުން ނޫނީ ނުފެންނާ ކަހަލަ ހިތްވަރު ގަދަ އަންހެން ބޭކަނބަލެކެވެ. އެތައް ބައެއްގެ ގަދަރާއި އިހުތިރާމާއި ލޯބި ހޯއްދާފައިވާ އައްޑޫގެ ފަހުރުވެރި އަންހެން ދަރިއެކެވެ.

ސ. ފޭދޫ ކަރަންކާގޭ ޝަކީބާ، 63، ފާހަގަކޮށްލެވެނީ ވަރަށް މަސައްކަތްތެރި، މީހުންނާ ވަރަށް ގުޅޭ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގަ އެވެ.

އެ އުމުރުގެ އެހެން އަންހެނުންނާ ހިލާފަށް ޝަކީބާ އަދިވެސް ފެންނަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވި، މުރާލި މަސައްކަތްތެރިއެއްގެ ގޮތުގަ އެވެ.

އުމުރުން 25 އަހަރުގައި މަސައްކަތުގެ ދާއިރާ އަށް ނިކުތްނެވި ގޮތަށް މެދުކެނޑުމެއް ނެތި އޭނާ ގެންދަވަނީ އަތޮޅަށް، ހާއްސަކޮށް ރަށަށް ހިދުމަތް ކޮށްދެއްވަމުންނެވެ.

ފާއިތުވި 31 އަހަރުގެ ތެރޭގައި ޝަކީބާ ވަނީ މަސައްކަތުގެ ދާއިރާގައި ވަރަށް މުރާލިކަމާއި ޝަކުގުވެރިކަމާ އެކު “ބްރޭކެއް” ނެތި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ މިހާރު ވެސް ހުންނެވީ އެ ގޮތުގަ އެވެ. ދެގޮތެއް ވުމެއް ނެތި އެވެ.

ޝަކީބާ ވިދާޅުވީ އަންހެނަކަށް ވެ ހުރެ މިހާ ދިގު މުއްދަތެއް ވަންދެން މެދުކެނޑުމެއް ނެތި ހިދުމަތް ކުރެއްވުމުގައި ދެމިހުންނެވުމުގެ މައިގަނޑު ސަބަބަކީ އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމެވެ.

ހާއްސަކޮށް ފިރިމީހާގެ ފަރާތުން އަބަދުވެސް ވަރަށް ބޮޑު އެއްބާރުލެއް ލިބިވަޑައިގަންނަވާކަން އޭނާ ފާހަގަ ކުރައްވަ އެވެ.

ފަސް ކުދިންނާއި އަށް މާމަ ކުދިންނާ އެކު ޝަކީބާ އުޅުއްވަނީ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުއްވުމެކެވެ.

އޭނާ އަށް ލިބިވަޑައިގެންނެވި ދެ ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ފިޔަވައި އެހެން ހުރިހާ ކުދިން ވެސް ތިބީ ޒިންމާދާރު ވަޒީފާތަކުގަ އެވެ.

“އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ވަރަށް ޒުވާން އުމުރުން ފެށިގެން މަސައްކަތް ކުރަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި މުހިއްމު ރޯލެއް، ދައުރެއް އަދާ ކުރެވުނުކަން،” ޝަކީބާ ވިދާޅުވި އެވެ. “އެއްވެސް ކުއްޖަކު ގޯސް މަގަކުން ގޮސްފައެއް ނެތް. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވި އެ ކުދިންނަކީ ވެސް ޒިންމާދާރު ވަޒީފާތަކެއްގައި ތިބި ކުދިންނަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ހިތްހަމަޖެހުމެއް.”

ވަޒީފާ އިން ރިޓަޔާ ކުރައްވާ އުމުރު ގާތްވަމުން އަންނަ އިރު ވެސް އޭނާ ހުންނެވީ އާންމުންނަށް ހިދުމަތް ކުރެއްވުމުގެ އަޒުމުގަ އެވެ. މަސައްކަތެއް ނުކުރައްވައި ހުންނެވުމަކީ ދުވަހަކު ވެސް އޭނާގެ ފިކުރުގައި އޮތް ހިޔާލެއް ނޫނެވެ.

މަސައްކަތުގެ ލޯބި ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުން އުމުރުން ދުވަސްވީ އިރު ވެސް، ޝަކީބާ ފެންނަނީ ޖޯޝާއެކީ ކަންކަމުގައި އިސް ނަންގަވައިގެން މަސައްކަތް ކުރައްވާ ތަނެވެ. އެކުގައި މަސައްކަތް ކުރަން ތިބި ޒުވާން ކުދިންނާ ގުޅިވަޑައިގެން “ޓީމެއްގެ ގޮތުގައި” އެއް ރޫހެއްގައި މަސައްކަތް ކުރެއްވުމުގެ ސިފަ އޭނާގެ ކިބައިގައި ވަރަށް ބޮޑަށް އަދިވެސް އެބަހުއްޓެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ އެކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ތެރޭގައި ޝަކީބާ ވިއްސާފައިވާ ކުދިން މިހާރު އުޅެމުންދާ ކަމެވެ. އެކަން އޭނާ ނަންގަވަނީ ލިބިވަޑައިގަންނަވާ ފަހުރެއް އަދި ޝަރަފެއްގެ ގޮތުގަ އެވެ.

މިހާރުގެ ފޭދޫ ސްކޫލް އެހެން ނަމަވެސް ކުރީގެ މަދުރަސަތުލް މަޒާހިރިއްޔާގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދުވަސްވަރު ވެސް ޝަކީބާ ވަނީ އިނގިރޭސިން ގަމުގައި ހިންގި ހޮސްޕިޓަލްގައި ވަޒީފާ އަދާ ކުރައްވައިފަ އެވެ.

އޭގެ ފަހުން ރަސްމީ ސިފައެއްގައި 1976 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމަށް އޭނާ ވަނީ ފޫޅުމައިކަން ކުރައްވައިފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ވަޒީފާގެ ދާއިރާ އަށް އައި ކުޑަ ބަދަލަކާ ގުޅިގެން ގަން ބަލައްޓާ ޔުނިޓްގައި ގާތްގަޑަކަށް ދެ އަހަރެއްހާ ދުވަސްވަންދެން އޭނާ ވަނީ މެނޭޖަރެއްގެ މަގާމު ފުރުއްވި އެވެ.

އެހެން ނަމަވެސް ޝަކީބާގެ ހުރިހާ ވެސް ޝައުގުވެރިކަމެއް އޮތީ ސިއްހީ ދާއިރާގަ އެވެ. އެހެންވެ ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޕަބްލިކް ހެލްތު ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި ބޮޑެތި ތަޖުރިބާތަކެއް ވެސް ހޯއްދަވައިފަ އެވެ.

ައޭނާ ވިދާޅުވީ ސިއްހީ ދާއިރާ އަށް އެހާ ބޮޑު ލޯތްބެއް، ޝައުގުވެރިކަމެއް އުފެދުނީ އާއިލާގެ ތެރޭގައި ވެސް އެކަން އޮންނާތީ ކަމަށެވެ.

އޭނާގެ މާމައަކީ ކުޅަދާނަ ދިވެހި ބޭސްވެރިއެކެވެ. މާމަގެ ފަރާތުން ޝަކީބާ އަށް ވަނީ ސިއްހީ ކަންކަމާ ގުޅޭ ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފަ އެވެ. އޭގެ ބޭނުން ދިރިއުޅުމުގެ ހުރިހާ ހިސާބެއްގައި އޭނާ ގެންދަވަނީ ހިއްޕަވަމުންނެވެ.

"އެންމެ ފުރަތަމަ ފޫޅުމައި ކޯސް ހަދައިގެން އެ މަސައްކަތުގެ ތެރެއަށް ނިކުތް ދުވަސްވަރަކީ ރާއްޖޭގެ ހާލަތު ވަރަށް ދަށްކޮށް އޮތް ދުވަސްވަރެއް. އާންމުންގެ ދިރިއުޅުމުގެ ހާލަތު ވެސް ދެން ވަރަށް އާދައިގެ ގޮތަކަށް އޮންނަނީ. މިހާރާއި އެހާރާ އަޅާ ކިއުމަކީ ވެސް ފަސޭހަ ކަމެއް ނޫން،” ގިނަ ދުވަސްތަކެއް ވަންދެން ގިނިކަންޏާ ފޫޅުމައިކަން ކުރެއްވި ޝަކީބާ ވިދާޅުވި އެވެ. “އޭރު މަސައްކަތުގައި ބޭނުން ކުރާނެ މާ ގިނަ ވަސީލަތްތަކެއް ނުހުރޭ. އަނެއްކާ ކަރަންޓެއް ވެސް ނޯވޭ. އެހެންވެ އެ ދުވަސްވަރު ބިގަރާއި ފާނޫޒު ހިފައިގެން ގޮސް ވިއްސުމުގެ ކަންތައްތައް ކުރިއަށް ދާނީ. އެއީ ދެން ވަރަށް އެހެން ކަހަލަ ތަޖުރިބާތަކެއް ކުރެވުނު ދުވަސްވަރެއް."

އޭނާ ވިދާޅުވީ ފޫޅުމައި ކަމަށް ނިކުމެވަޑައިގަތް ދުވަސްވަރު، ކުރާ މަސައްކަތުގެ މުސާރައެއްގެ ގޮތުގައި އޭރު 2ރ. ވެސް ލިބިވަޑައިގެންނެވި ކަމަށެވެ.

"އޭރު ދެން އާންމުންގެ ހާލަތު އޮތް ގޮތުން އެކަން ވާން އޮންނަ ވަރަކީ އެއީ. އަޅުގަނޑު ހަނދާން އެބަހުރި ފޫޅުމައެއްގެ ގޮތުގައި މަސައްކަތް ކުރި އިރު އެންމެ ބޮޑު މުސާރައެއްގެ ގޮތުގައި ލިބުނީ 15ރ،" ޝަކީބާ ވިދާޅުވި އެވެ. "އަދި ބައެއް ފަހަރު ފަހަރު ފައިސާގެ ބަދަލުގައި ބޮޑިބަތް ކަހަލަ އެއްޗެހި ވެސް ދީފައި އެބަހުރި. އެއީ ދެން ހާލަތު އޭރު އޮތް ގޮތް."

ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް ޝަކީބާ ވަނީ އައްޑޫގެ އިޖުތިމާއީ ގިނަ ހަރަކާތްތަކެއްގައި ވެސް ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

އެގޮތުން އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެމްބަރުކަމާއި ފޭދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާކަމުގެ މަގާމުތައް ފަދަ މުހިއްމު ޒިންމާތައް ބޮޑު މަސްއޫލިއްޔަތުތައް ޝަކީބާ ވަނީ ވަރަށް ޒިންމާދާރުކަމާ އެކު ނަންގަވައިފަ އެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި އައްޑުއަށާއި އަމިއްލަ ރަށް ފޭދު އަށް އެކި ދުވަސްވަރު ލިބުނު ކުރިއެރުންތަކާއި ތަރައްގީގެ ކަންކަން ޝަކީބާ ވަނީ ވަރަށް ގާތުން ތަޖުރިބާ ކުރައްވައި އެކަންކަމުގައި އަމަލީ ގޮތުން އުޅުއްވައިފަ އެވެ.

އޭނާ ކޮށްދެމުން ގެންދެވި ހިދުމަތްތަކާއި ހިދުމަތްތަކުގެ އަގު ވެސް ސަރުކާރުން ވަނީ ވަޒަންކޮށްފަ އެވެ. އެގޮތުން ސިއްހީ ދާއިރާ އިން އާންމު ހިދުމަތުގެ އިނާމް ޝަކީބާ އަށް ވަނީ 1991 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.

އެކަން އޭނާ ސިފަ ކުރައްވަނީ މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާގެ ގޮތުގަ އެވެ.

"އަޅުގަނޑުގެ މަސައްކަތުގެ އަގު ސަރުކާރުން ވަޒަންކޮށް އަޅުގަނޑަށް އާންމު ހިދުމަތުގެ އިނާމް ލިބުނު ދުވަހަކީ އެންމެ އުފާވި ދުވަސް." 2011 ވަނަ އަހަރު ގާރީ ކޯހުގެ ސެޓްފިކެޓް ލެވެލް 3 ވެސް ހާސިލް ކުރައްވާފައިވާ ޝަކީބާ ވިދާޅުވި އެވެ.

މީގެ އިތުރުން 1988- 1998 ވަނަ ހަމައަށް ސިއްހީ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ 10 މީހުންގެ ތެރޭގައި ހިމެނިވަޑައިގެން ސަރުކާރުން ދެއްވާ އައްޑަނަ ވެސް އޭނާ ވަނީ ހާސިލް ކުރައްވައިފަ އެވެ.

ޓީވީއެމް އިން 2008 ވަނަ އަހަރު ގެނެސް ދިން "ލާމަސީލް ކާފަ/މާމަ" އެވޯޑްގައި ވާދަކޮށް، އެ އެވޯޑްގެ އެންމެ ފާހަގަކޮށްލެވޭ 10 މާމައިންގެ ތެރޭގައި ވެސް ޝަކީބާ ވަނީ ހިމެނިވަޑައިގެންފަ އެވެ.

ސިއްހީ ދާއިރާ އަށް ކުރިއާ އަޅާބަލާ އިރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ގަބޫލް ކުރައްވަ އެވެ. އެހެން ނަމަވެސް އަދިވެސް ހާސިލް ކުރަން ޖެހޭ ލަނޑުދަނޑި އާ ހަމައަށް ވާސިލް ނުވެވޭކަން އޭނާ ފާހަގަ ކުރައްވަ އެވެ.

"އަޅުގަނޑު މަސައްކަތް ކުރަނީ ސިއްހީ ދާއިރާ އަށް އޮތް ލޯތްބާއި ޝައުގުވެރިކަމެއްގެ ބޮޑުކަމުން. މި ދާއިރާ ކުރިއަރައި ތަރައްގީވެގެންދާ ތަން ފެނުމަކީ ވަރަށް ބޮޑު އުންމީދެއް. އެންމެ ބޮޑު އެއް ކަމަކީ މާލެ އަށް ނުގޮސް ނުވަތަ ރާއްޖޭން ބޭރަށް ދާން ނުޖެހި އައްޑޫ ސިޓީން ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބުން،" އޭނާ ވިދާޅުވި އެވެ. "ހުރިހާ ކަމެއް އެންމެން ހިތްހަމަޖެހޭ ގޮތަށް 100 ޕަސެންޓް ރަނގަޅެއް ނުކުރެވޭނެ. އެކަމަކު އަޅުގަނޑުމެން އަދި ހާސިލް ކުރަން ޖެހޭ ކަންތައްތަކެއް ސިއްހީ ދާއިރާގައި އެބަހުރި ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ."

ރަސްމީ ގޮތުން މިހާރު އަދާ ކުރައްވަމުން ގެންދަވާ ސިއްހީ ދާއިރާގެ މަސައްކަތުން އަތްދޫކޮށްލައްވަން ޖެހޭ ދުވަސް ގާތްވަމުން ދިޔަ ނަމަވެސް ޝަކީބާގެ ވިސްނުން އަދިވެސް އޮތީ މަސައްކަތާއިގެން ކުރިއަށް ވަޑައިގެންނެވުމެވެ.

"ފަސްދޮޅަށް ފަހެއްވެގެން ރިޓަޔާވުމަށް ފަހު ދެން އަޅުގަނޑު ކުރާނެ މަސައްކަތަކީ ޤުރުއާން ކިޔަވައި ދިނުން. އެކަމަށް ވިސްނާފައި އަޅުގަނޑު ޤާރީ ކޯސް ވެސް ހެދީ،" ކުރިމަގު އޮތް ގޮތާ ބެހޭ ގޮތުން ޝަކީބާ ވިދާޅުވި އެވެ. "ގަދަވެ ސަލާމަތުން ހުރިހާ ދުވަހަކު ބޭނުމެއް ނޫން ދުވަހަކު ވެސް މަސައްކަތެއް ނުކޮށް ހުންނާކަށް. ޤުރުއާން ކިޔަވައި ދިނުމުގެ އިތުރަށް އަޅުގަނޑަށް ދިވެހި ބޭސްވެރިކަމުގެ މަސައްކަތް ވެސް ހަމަ ކުރަމުން ގެންދާނަން."