ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލުކޮށްފިއެވެ.
މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހެނދުނު 11:00 އަށެވެ. ލުތުފީގެ މައްޗަށް އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒުން ފިލުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާގައި ބުނެފައިވަނީ ލުތުފީގެ މައްޗަށް ދައުވާކުރަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާކަމަށެވެ.
ލުތުފީގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. މިހާރު އޭނާގެ ހުކުމްގައި އޮތީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.
ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. އަދި މިދިޔަ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެ ގެނައިއިރު، މާލެ ގެނައި ގޮތަށް ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.