މާލޭގެ ގެސްޓު ހައުސްއެއްގައި 11 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުގައި އަމުރު ކޮށްދިނުމަށް އެދުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރު ޖެނެރަލްގައި އެދިއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 38 އަހަރުގެ މީހާ ތަހުގީގާއި އަދި ޝަރީއަތްވެސް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ޕީޖީގައި އެމަނިކުފާނު އެދިފައިވާނެ ކަމަށެވެ.
މިއީ މިފަދަ ގޮތަކަށް ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓާދިނުމުގެ އަމުރެެއް ހޯދާ ދިނުމަށް ޕީޖީގެ ކިބައިން މިދިޔަ 5 އަހަރު ތެރޭގައި ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 30ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާއި މެދު އެ ގާނޫނަށް ލިބިދޭ ހާއްސަ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި އެގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުރެވޭ މީހާ ތަހުގީގުގެ މަރުހަލާއާ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށް އަމުރެއް ހޯދުމަށް ޕީޖީ ކޯޓަށް ހުށަހަޅައި ދިނުމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް ޕްރޮސިކިއުޓަރު ޖެނެރަލްގެ ކިބައިން އެދެވިދާނެ ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ އެފަދަ އަމުރެއް ހޯދާދިނުމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސިކިއުޓަރު ޖެނެރަލްއަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސިކިއުޓަރު ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.
މި މައްސަލާގައި ރޭ ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
އަދި 11 އަހަރުގެ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެގޮތުން އެ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައެވެ. މި މައްސަލަ ވަރަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.