އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދައިފިއެވެ.
އޭއީއެޗު ގެ މެނޭޖަރ ޝަރަފް ސާދާތު ވިދާޅުވި ގޮތުގައި ކުރިންވެސް ހޮސްޕިޓަލުގައި ހުރި ޕީސީއާރު މެޝިނާއި އެކްސްޓްރެކްޓަރ އާއި އެކު، މި ކިޓުތައް ލިބުމުން، މިހާރު ހޮސްޕިޓަލް އޮތީ ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފުރިހަމަ އަށް ތައްޔާރަށެވެ.
މީގެ އިތުރުން ޝަރަފް ސާދާތު ވިދާޅުވި ގޮތުގައި އިތުރު ޕީސީއާރު މެޝިނަކާއި އެކްސްޓްރެކްޓަރ އެއް ވަނީ އައްޑޫއަށް ދަތުރު ކުރުމުގެ މަގު މަތީގައެވެ.
މިއީ މާލެއިން ބޭރުގައި މި ބައްޔަށް ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖެހުނު ފުރަތަމަ ހޮސްޕިޓަލެވެ. އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓު ކިޓުތައް މިހާރު ހޮސްޕިޓަލަށް ލިބިފައިވާ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރުމަށް ނިންމާފައިވާއިރު އެތަނުގައި އެއް ފަހަރާ 45 މީހުންނަށް ފަރުވާ ދެވޭނެ ކަމަށް މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު އީކުއޭޓާ ވިލެޖު ކަރަންޓީނު ފެސިލިޓީގައި ހުރި މީހަކު ކޮވިޑަށް ޕޮސިޓިވް ވެފައިވާއިރު އެމީހާއަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ވެސް އައްޑޫ އިން ކަމަށް އެންއޯއީސީ އިން މައުލޫމާތު ދެއެވެ.