ބާގީންގެ އަތްދަށުން ދިވެހި ގައުމު ސަލާމަތް ކުރި އަބްތާލުންގެ ދިފާއުގައި މުޅި ގައުމު ތެދުވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުލުހުންގެ މައި އިދާރާ "ޝަހީދު ހުސައިން އާދަމް ބިލްޑިންގ"ގެ ނަން ބަދަލު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮލިސް އިމާރާތުގެ ނަން ބަލައި ނުގަނެވޭނީ ޝަހީދުންގެ ލޭގެ އަގުވަޒަން ކުރަން ބޭނުން ނުވާ ބައެއް ކަމަށާއި އެއީ އެންމެ ބޮޑެތި ހާއިނުން ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ބާގީންގެ އަތްދަށުން ދިވެހި ގައުމު ސަލާމަތްކުރި އަބްތާލުންގެ ދިފާއުގައި މުޅި ގައުމު ތެދުވާނެ ކަމަށެވެ. އަދި ޝަހީދުންގެ ޒިކުރާ ފަނޑުވިޔަކަ ނުދޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
އިތުރަށް ޖަމީލް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުށު ތެރޭގައި ކަމަށެވެ. މައްސަލަތައް ޝެޑިއުލް ކުރުމުގައި ވެސް މިއަދު ކޯޓުތަކުގެ ބާރު ނެތް ކަމަށާއި މައްސަލަތައް ތަހުގީގު ކުރާ ފުލުހުންވެސް މަޖިލީހުގެ ބާރުގެ ދަށުގައި ތިބި ކަމަށް ޖަމީލް ވިދާޅުވިއެވެ.
ދައުވާ ކުރާ ފަރާތްވެސް އުޅެން ޖެހެނީ މަޖިލީހުން ރުހޭ ގޮތަށް ކަމަށާއި އެހެންކަމުން އެއީ ރިފޯމްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. ޖަމީލް ވަނީ މަޖިލީހުގައި ތިބީ ޝަރީއަތުގެ މާ މައްޗަށް ތިބި ބައެއްތޯ ސުވާލު އުފައްދާފައެވެ.