Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

މަރުތަކާއި ގުޅޭ އިތުރު ހެއްކެއް ނެތް، ކޮމިޝަނުން ބުނީ އެކަން ކުރެވެން ނެތް ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މަރުތަކާއި ގުޅިގެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށާއި އެ މަސައްކަތް ކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން މަޖިލީހަށް އަންގައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި މަރު ކޮމިޝަނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން އިތުރަށް މަސައްކަތް ކުރިޔަށް ގެންދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މިހާތަނަށް ތަހުގީގު ކުރެވިފައި ވަނީ އަމަލީ ގޮތުން މަރުތަކުގައި އުޅުނު މީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ކަމަށާއި އެ މަރުތައް އިންތިޒާމު ކޮށްފައިވާ ފަރާތްތަކާއި ހަރަދު ކޮށްފައިވާ ފަރާތްތަކަށް ދައުވާ ކުރެވޭނެ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް މަރު ކޮމިޝަނުން ދެ މަރެއްގެ ޑްރާފްޓު ރިޕޯޓު އެކުލަވާލާފައިވާއިރު އެ ދެ ރިޕޯޓުގައިވެސް ހުރީ މައްސަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރުގެ ހެކި ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ އެއިން އެއްވެސް ރިޕޯޓެއްގައި މައްސަލާގައި އަޑީގައި ތިބި މީހުން ނުވަތަ މަރުތައް އިންތިޒާމުކޮށް ރޭވި މީހުން މަރު ކޮމިޝަނަށް ހޯދިފައި ނުވާ ކަމަށެވެ.

"މި މަޖިލީހުން އަބަދުވެސް ފާހަގަ ކުރަމުން އައި އެއް ކަމަކީ އެ ޑްރާފްޓް މި ތަނަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެގެންތޯ،  ކޮމިޝަނުން ވިދާޅުވަނީ ޑްރާފްޓް ކޮޕީ ނުކުތީމައި ތަހުގީގަށް ހުރަސް އެޅުނީ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުއުޖިޒާތެއް ފަދަ ކަމެއް،" ނަޝީދު ވިދާޅުވިއެވެ. 

މިހާތަނަށް މަރު ކޮމިޝަނުން ޑްރާފްޓު ކޮޕީ ނެރެފައިވާ ދެ މަރަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭ ރިޕޯޓެވެ. އެ ދެ މަރާއި ގުޅިގެން ނެރެފައިވާ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވަނީ އެ ދެ މަރަކީވެސް ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.