އެއްވެ އުޅުމުގެ ހައްގަށް ހުރަސް ނޭޅުމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރާ ކަމަށް ބުނެ "ނަވާނަވަތް" ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މިއަދު ވަނީ މަޖިލިސް އިދާރާ ކުރިމަތީގައި އިހުތިޖާޖު ކޮށްފައެވެ.
މަޖިލިސް އިދާރާ ކުރިމަތީ މިއަދު ހެނދުނު ފެށި މުޒާހަރާއަށް ޖާގަ ނުދީ ފުލުހުން ހުއްޓުވާފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދު ދޫކޮށް ހޮޓެލް ޖެން ސަރަހައްދުގައި މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.
މި މުޒާހަރާ އާއި ގުޅިގެން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެސް ރާއްޖެ އޮތީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި، މިއީ އެއްވުންތައް ބޭއްވުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އެހެން ކަމުން 3 މީހުންނަށް ވުރެ ގިނަ މީހުން އެއްފަހަރާ ނުކުމެގެން ނޫޅުމަށާއި، އާންމުންގެ ކަންބޮޑުވުންތައް މާލޭ މަގުމައްޗަށް ނުނިކުމެ ފާޅު ކުރުމަށް ފައިރޫޝް އިލްތިމާސް ކުރެއްވިއެވެ.
ފައިރޫޝްގެ އެ ވާހަކަތަކާއި ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދުރުކަމާއި، މާސްކު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަވާ އެއްވުންތަކަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ. އަދި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ މުޒާހަރާތަކާއި އިހުތިޖާޖުތަކުގައި އަމަލުކުރަންވީ ރައްކާތެރި ގޮތުގެ ގައިޑްލައިނެއް ފުލުހުން އެކުލަވާލުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އޭނާ ވަނީ އެއްވެ އުޅުމުގެ ހައްގަށް ހުރަސް ނޭޅުމަށް ގޮވާލާ ކަމަށެވެ.
ނަވާނަވަތް އިން ކުރި މުޒާހަރާ މަޖިލިސް ހޭލެއްވުމަށް ކުރިއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މުޒާހަރާ ބައްލަވާލައްވާފައެވެ.
މިއަދުގެ މުޒާހަރާއަކީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ރައްޔިތުންގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ގޮތް ނެތެމުން އަންނަ އިރު ވެސް ސަރުކާރުން އެކަމާ ގުޅިގެން އެދެވޭ ހައްލެއް ހޯދާ ނުދޭތީ ކުރަމުން އަންނަ މުޒާހަރާއެކެވެ.