ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް މުހައްމަދު ވަހީދު ފޮރުވައިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.
މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ވަހީދު ފައިސާ އަށް ބައްލަވައިގެންފައިވާ ކަމަށް ވަނީ ތުހުމަތު ކުރައްވައިފައެވެ. ފަލާހު ހުށަހެޅުއްވި މައްސަލާގައި އެ ރިޕޯޓު ސަރުކާރުން ހޯދައިދީ މަޖިލީހަށް އެ ރިޕޯޓު ހަވާލު ކޮށްދިނުމަށް ވަނީ އެދިފައެވެ.
އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓު މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި ސިންގަޕޫރުގައި ރަޖިސްޓްރީކުރި، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ރާއްޖޭން ބޭރުގައި ހިންގި ވަގު ވިޔަފާރިއާއި މަނީ ލޯންޑްރިންގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށް 2010ވަނަ އަހަރުގެ ޖޫން މަހުގެ 8ވަނަ ދުވަހު ބޭރުގެ އެކައުންޓިން ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ ޝަރުއީ ނިޒާމުގެ ތެރެއިން ގެއްލިގެން ދިޔަ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔައީ ކަމަށް އެ މައްސަލާގައިވެއެވެ.
އެކަން އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އެނގިވަޑައިގަންނަވާނެ ކަމަށް ފަލާހު ހުށަހެޅުއްވި މައްސަލައިގައިވެއެވެ.