ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ދިވެހި ރާއްޖެއަށް ވެސް އިގްތިސޯދީ ގޮތުން ގުނަ ނުކުރެވޭ ވަރުގެ ބޮޑުގެ ގޮންޖެހުމަކާ ކުރިމަތިލާން މިވަނީ ޖެހިފައެވެ.
މިދަނޑިވަޅުގައި ވިޔަފާރިތައް ބަނގުރޫޓުވެ ވަޒީފާ ގެއްލުނު ނުވަތަ މުސާރަ މަދުކުރެވުނު ނުވަތަ މުސާރަ ހުއްޓުނު އެތައް ހާސް ރައްޔިތުންނެއް ވަނީ ބިކަވެ ދަރަނިވެރިވެފައެވެ.
މިހާލަތަށް ނުވެއްޓޭނެ ގޮތަށް ސަރުކާރުން، ވިޔަފާރިތަކަށް ލޯނު ޚާއްސަ ސްކީމެއް ތައްޔާރުކުރި ނަމަވެސް ވަޒީފާ ގެއްލުނު ނުވަތަ މުސާރައަށް ބުރޫއެރި މަސައްކަތްތެރީންގެ އަދަދު 45،000 އާ ގާތް ކުރެއެވެ. މީގެ ތެރެއިން 22،000 މީހުންނަކީ ދިވެހީން ކަމަށް ޔޫއެންޑީޕީން ބުނެފައިވެއެވެ.
މިފަދަ ހާލަތެއް މެދުވެރިވި މަސައްކަތްތެރިންނަށް ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމައި، އެލޮވެންސް ސްކީމެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް 5،000ރ. ގެ އެލޮވެންސެއް ދިނުމަށް، އަދި މުސާރަ އުނިވި ފަރާތްތަކަށް ވެސް މިއެލޮވެންސް ސްކީމްގެ ދަށުން ކުރިން ލިބުނު މުސާރައާއި އުނިވި ބަޔަށް ބަލައި ފައިސާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިއެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް 12.8 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ފޯރުކޮށްދީފައެވެ.
ނަމަވެސް ގިނަ ދިވެހިންގެ ޝަކުވާ އަކީ ވަޒީފާ ގެއްލުނުތާ މަސް، ދެމަސް ވެފައިވާއިރު ވެސް އެލޮވެންސް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމެވެ. ކޮންމެ ފަހަރަކު ގުޅާ މެއިލް ކުރުމުން ވެސް ލިބޭ ޖަވާބަކީ 'ޕްރޮސެސިން ގައި'، މި ޖަވާބެވެ.
ހަތް ހާސް ވަރަކަށް މީހުން އެލަވެންސަށް އެދި ފޯމު ހުށައެޅިއިރު މިހާތަނަށް އެލޮވެންސް ލިބިފައިވަނީ 300 ވަރަކަށް މަސައްކަތްތެރިންނަށް ކަމަށް މައުލޫމާތު ލިބިއެވެ. މިއީ ގާތް ގަނޑަކަށް އެޕްލައި ކުރި މީހުންގެ ތެރެއިން %4 މީހުންނެވެ.
ވަޒީފާ ގެއްލުނު ފަރާތްތަކުގެ ތެރޭގައި އަނބި ދަރީން ތިބި މީހުންނަށް ވެ، އާއިލާތަކަށް ފޯރުކޮށްދިނުން ހުއްޓި ދަރަނިވެރިވެފައިވާ ނުވަތަ ދަރަނިވެރިވަމުން އަންނަ ކޮންމެ ދިވެއްސަކު މިހާރު އިންތިޒާރުކުރަމުން އަންނަނީ މިއެލޮވެންސް ޖަމާވާނެ ދުވަހަކަށެވެ.