ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ހޫނުވެ އެ މައްސަލާގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލަމުން ދަނިކޮށް އެ މައްސަލަ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީން ބަލަން ނިންމައިފިއެވެ.
މި މައްސަލައަކީ މިހާރު އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. މައްސަލަ އެހާ ބޮޑުވެފައި ވަނީ މި މައްސަލާގައި ޝާމިލުވާ ފަރާތަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެންނާއި މި މައްސަލާގައި ފުލުހުން އެމީހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލުމުންނެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 5:00 ހާއިރު ކަމަށެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރް ޖީހާން މަހްމޫދް އެ މައްސަލަ މާދަމާ އޮންނަ އެ ކޮމެޓީގެ ބައްދަލުވުމުގައި ބެލުމަށް ހުށަހަޅާ އެކަން އެޖެންޑާ ކޮށްފައިވާ ކަމަށެވެ. އެ ކޮމެޓީގެ ބައްދަލުވުން އޮތީ މާދަމާ މެންދުރު 14:00 އަށެވެ. އެ ބައްދަލުވުމަށް މިހާރު އެ މައްސަލަ އޮތީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް ކޮމެޓީގެ މުގައްރިރުކަން ކުރައްވާނީ ކޮމެޓީގެ ނާއިބު މުގައްރިރެވެ.