ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައިބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ ކަމަށްވާތީ އެ މެންބަރުގެ ނުފޫޒުން ކަމަށް ރައްޔިތުން ނުދެއްކުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލާގައި އާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މީހަކު ހައްޔަރުގައި ބެހެއްޓުން ނުވަތަ ދޫކޮށްލުން އެއީ މަޖިލީހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ހިނގާނެ ކަމެއް ކަމަށް އެއްވެސް ރައްޔިތަކު ދެކިވަޑައި ނުގަތުމަށް އެދޭ ކަމަށެވެ.
"ފުލުހުން މީގައި ބުނެފައި އޮތީ އޭނާގެ ތަހުގީގު އޭރަށް ކުރަން އޮތް މިންވަރަކަށް ކޮށްފައިއޭ އޭނާ ދޫކޮށްލީ. ދެން އޭނާ ހައްޔަރުގައި ނެތުން އެއީ މަޖިލިހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ދެކިވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެއްވެސް މީހަކު ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. އަދި އެކަމަކީ މަޖިލީހުގެ ރިޔާސަތުން އެއްގޮތަކަށް ރުހޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހާއްސަކޮށް ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ އާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ތަހުގީގުތަކުގައި މަޖިލިހުގެ އެއްވެސް މެމްބަރަކު، އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ވެސް ކަމަކާ ހަވާލުވެ ހުރި މީހަކަށް ވެސް، އިރުޝާދެއް ދިނުން ވެސް ލަފައެއް ދިނުން ވެސް، މައުލޫމާތެއް ހޯދުމަށް ވެސް، ފޯނުކޮށް ހަދައި ގުޅުއްވުމަކީ ރަނގަޅު ކަމެއް ނޫން. އެއީ މި މަޖިލީހުން އެއްގޮތަކަށް ވެސް ހަމަކަށަވަރުން ވެސް ރިޔާސަތުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.