(އޮގަސްޓް 10، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ނާހިލް ބޭނުންވީ އެކަނި ނަމަވެސް ބޭރު ބަލައިލަން ނިކުތުމަށެވެ. ހެދުން ބަދަލު ކުރުމަށް ފަހު ނާހިލް ނިކުތީ ބޭރަށެވެ. އެކަނި މާއެކަނި ބޭރުގައި ވާރެ އާއި ތެމެން ފަށިފި އެވެ.
ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ކައިރީގައި މީހަކު ހުއްޓަސް ނުފެނެ އެވެ.
ބާރު ސްޕީޑުގައި ދިޔަ ކާރެއްގައި ނާހިލް ޖެހި ވިއްސައިގެން ދިޔަ ގޮތަށް ގޮސް ޖެހުނީ ފާރެއްގަ އެވެ. މުޅި މީހާ ލެއިން ތައްތެޅި ބިމުގައި ވަނީ ލޭގެ ކޯރެކެވެ.
ކަންދިމާ ކުރި ގޮތުން އެ ކާރަކީ ނަދާގެ ދަތުރު ހަމަޖެހިފައިވާ ކާރެވެ. ކާރުން ފޭބީ ނަދާ އެވެ. ނާހިލް ވެއްޓިފައިވާ ތަން ފެނުމުން ނަދާ އަށް ބާރަށް ހަޅޭއް ލަވައިގަނެވުނެވެ.
އެކަމަކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނަދާގެ އަޑު އެއްވެސް މީހަކަށް ނީވުނެވެ. ކާރުގެ ޑްރައިވަރާއި ނަދާ ވަރަށް އުނދަގުލުން ނާހިލް ކާރަށް ލައިގެން ދިޔައީ ހޮސްޕިޓަލަށެވެ.
ނާހިލް އަށް އަވަސް ފަރުވާ ދެވެން ފެށި އެވެ. އޭރު ނަދާހުރީ ހާސްވެ ކަންބޮޑުވެފަ އެވެ. ނަދާމެން ދުއްވަމުން ދިޔަ ކާރުން ނާހިލް އެކްސިޑެންޓް ވިކަން ޔޫސުފުމެންނަށް އެނގުމުން ވާނީ ކިހިނެތް ހެއްޔެވެ؟ ނަދާ ބޭނުންވީ ދޮގެއް ހަދައިގެން ނަމަވެސް މި ކަންތައްތައް ސިއްރު ކުރެވޭތޯ އެވެ.
"މާދިންއަކީ މި ދުނިޔެ އިން އަހަރެން އެންމެ ލޯބިވި އިންސާނާ. ދެން ހުރީ އަހަރެންގެ މަންމަ އާއި ބައްޕަ. ނަމަވެސް އަހަރެން އެންމެ އިތުބާރު ކުރި އަދި ހުރިހާ ގޮތަކުން ވެސް އަހަންނަށް އެހީތެރިކަން ފޯރުކޮށް ދޭން ތިބި ދެ މީހުންގެ ތެރެއިން ބައްޕަ އަހަރެންގެ ކަރުގައި ހިފީ. މުޅި އުމުރަށް ވެސް މައާފެއް ނުކުރާނަން. އަހަރެންގެ އުއްމީދުތައް ވެއްޔާއި މޮޑެލީ އެ ބައްޕަ." އެ ހިޔާލުގައި ޝާޔާ އޮތްވައި އެ ފަކީރަށް ނިދުނެވެ.
އިރުކޮޅެއް ނުވެ ސިއްސައިގެން ދިޔައީ މީހަކު އަނެއްކާ ވެސް ދޮރުގައި ޓަކި ޖެހުމުންނެވެ. ޝާޔާގެ ހިތް ބާރަކަށް ތެޅެން ފަށައިފި އެވެ.
"އަނެއްކާ ވެސް ބައްޕަ ކަމަށް ވާނީ." ޝާޔާ ހިތާހިތާ ބުނެލިއެވެ.
ނަމަވެސް އެ މީހަކު ހަމަ ބާރަށް ދޮރުގައި ތަޅަމުން ގެންދިޔަ އެވެ. ޝާޔާ ކަންނެތް ގޮތަކަށް ގޮސް ދޮރު ހުޅުވައިލި އެވެ. ކުރިމަތީގައި ހުރީ ސަވާދެވެ.
"ބައްޕަ ނިންމައިފިން ދަރިފުޅާއި މާދިންގެ ކައިވެނީގެ ކަންތައްތައް ނިންމަން." ސަވާދު ބުނެލި އެވެ.
ޝާޔާގެ ހިތަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. ނަމަވެސް މިއަދު ކަންތައްތައް ހިނގައި ދިޔަ ގޮތުން ޝާޔާގެ މޫނުމަތިން އުފާވެރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.
"ދޭ….ގޮސް މާދިން އަށް އެ ހަބަރު ދީ." ޝާޔާގެ އަތުގައި ހިފައިލަމުން ސަވާދު ބުނެލި އެވެ. ނަމަވެސް ޝާޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޝާޔާގެ ލޮލުން ކަރުނަތައް ހޯސްލާފައި އޮހޮރުނެވެ. އެ މަންޒަރު ބަލަން ސަވާދުގެ ހިތަކަށް ކުޅަދާނައެއް ނުވި އެވެ.
"ނުރޮއި ދެންދޭ…ދެން ބައްޕަގެ ފަރާތުން އެ ކަހަލަ ކަމެއް ދަރިފުޅަކަށް ނުފެންނާނެ." ސަވާދު ޝާޔާގެ ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލަމުން ބުނެލި އެވެ.
ނަދާ ފޯނު ނަގައި ޝަރީފާ އަށް ގުޅި އެވެ. ނަމަވެސް ޝަރީފާގެ ފޯނުން ޖަވާބު ނުދޭތީ ނަދާ މަސައްކަތް ކުރީ ގޭގެ ނަންބަރަށް ގުޅުމަށެވެ. ދެ ފަހަރު ރިންގުވުމަށް ފަހު ފޯނު ނެގީ ނާހިލްގެ މަންމަ ސަކީނާ އެވެ.
"ހަލޯ…ކޮބާ ޝަރީފާ ދައްތަ…މީ ނަދާ އޭ." ނަދާ ހާސްވެ ހުރެ ސުވާލު ކުރި އެވެ.
"އެބަ އުޅޭ…މަޑުކުރޭ…އެބަ ގޮވާލަން." ސަކީނާ ފޯނުގެ އަތްގަނޑު ސޯފާގައި ބޭވުމަށް ފަހު ހިނގައިގަތެވެ.
ސަކީނާ ގޮސް ޝަރީފާގެ ކޮޓަރި އާ ހަމަވި އިރު ކޮޓަރި ތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ހީ ސަމާސަ ކުރާ އަޑެވެ. ސަކީނާ ގޮސް ކޮޓަރީގެ ދޮރު ތަޅުގައި ހިފައިލި އެވެ. ދޮރުހުރީ ތަޅު ނުލަ އެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާ އެކު ފެނުނު މަންޒަރުން ސަކީނާގެ ހިތުގެ ވިންދު ހުއްޓުނު ކަހަލަ އެވެ. ކޮޓަރީގެ އެނދުމަތީގައި ތިބީ ސަކީނާގެ ފިރިމީހާ ޔޫސުފް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ޝަރީފާ އެވެ.
ސަކީނާ ފެނުމުން ޔޫސުފް އާއި ޝަރީފާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ވާނީ ވެސް އެހެންތާ އެވެ. ސަކީނާގެ ލޯބިވާ ފިރިމީހާ އާއި އޭނަގެ ކުރީގެ ލޯބިވެރިޔާ އެފަދަ ހަޑި މުޑުދާރު ގޮތަކަށް ތިބި ތަން ހަމަ ލޮލަށް ފެނުނު ފުރަތަމަ ފަހަރެވެ.
ސަކީނާ އަށް ބަސް ހުއްޓިފައި ހުރެވުނެވެ. ކުރަން އައި ކަންތައް ވެސް ހަނދާން ނެތުނު ކަހަލަ އެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅުތައް އަޅަމުން އެ ކޮޓަރިން ނިކުތެވެ.
ކައިވެނީގެ ކުރިން ވެސް އަދި ފަހުން ވެސް ޔޫސުފަކީ މާބުރުގެ އުޞޫލު ގެންގުޅޭ މީހެއް ކަމަށް ސަކީނާ ގާތުގައި ކިތަންމެ ބަޔަކު ބުނަމުން ދިޔަ އެވެ.
ހުދު ސަކީނާ އަށް ވެސް ޔޫސުފްގެ ފޯނުން އެތައް ބައިވަރު މެސެޖްތައް ފެނުނެވެ. ކޮންމެ ފަހަރަކު ވެސް ޔޫސުފް ހަދަނީ ދޮގެވެ. ނަމަވެސް މިއަދު އެ ހުރިހާ ކަމެއް ސަކީނާ އަށް ވަނީ އަތުންހިފައި ލޮލުން ދެކެފަ އެވެ.
(ނުނިމޭ)