Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ފާޑުކިޔުން އަމާޒުވުމުން އަދާލަތުން އެންމެ ފަހުން އުތެމަ ޖަމިއްޔާ ރިޕޯޓު ކުށްވެރިިކޮށްފި

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަދާލަތު

އަންހެނުންގެ ހައްގުތައް ދިފާއުކޮށް "އުތެމަ" ޖަމިއްޔާ އިން ނެރުނު ރިޕޯޓަކީ އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށް އެތައް ދީނީ އިލްމުވެރިންތަކެއް ވިދާޅުވަމުން އަންނަނިކޮށް އެންމެ ފަހުން އަދާލަތު ޕާޓީން ވެސް އެ ރިޕޯޓުގައިވާ ވާހަކަތައް ކުށްވެރިކޮށްފިއެވެ.

އުތެމަ ޖަމިއްޔާ އުވާލަން ގޮވާލާފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ނެރުނު ދީނާ ނުގުޅޭ ރިޕޯޓު ދިފާއުކޮށް ވާހަކަ ދެއްކުމާ ގުޅިގެންނެވެ. އަދި އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ވެސް ދީނާ ނުގުޅޭ ވާހަކަތައް ހިމަނާފައިވާ ކަމަށް ބުނެއެވެ.

މިރިޕޯޓު ތައްޔާރުކުރުމަށް ވެސް ފަނޑުކޮށްފައިވަނީ އެމްޑީއެންގެ ރިޕޯޓަށް ފަންޑުކުރި 'ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވް' އެވެ. މި ރިޕޯޓުގައި، އެމްޑީއެންގެ ރިޕޯޓު ވަރަށް ގިނަ ބަޔަކު ކުށްވެރިކުރި ކަން ފާހަގަކޮށް، އެއީ ރާއްޖޭގައި ހައްދުފަހަނަޅާފައިވާ ފިކުރު ފެތުރިފައި އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށް ދޭހަވާ ގޮތަށް ލިޔެފައިވެއެވެ.

އަދި ރާއްޖޭގައި އަންހެނުންނާއި، ކުޑަކުދިންނަށް ގިނަ ގުނަ ހުރަސްތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އެގޮތުން ޅަ އަންހެން ކުދިން އުމުރު ނުފުރެނީސް ކައިވެނި ކުރުވާ ކަން ފަދަ މައްސަލަތައް ފާހަަގަކޮށްފައިވެއެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ އުތެމަ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓަށް ތާއީދުކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. އުތެމަ ޖަމިއްޔާ އިން ނެރެފައިވާ ރިޕޯޓަކީ އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު މީހުން ކުރާ މަސައްކަތުގެ ތެރެއިންވާ ކަމެއް ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ ރިޕޯޓަކީ އިސްލާމީ ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަވާ ގޮތަށް އެކުލަވާލައިފައިވާ ރިޕޯޓެއް ކަމަށް އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީން މިކަމުގައި ބަޔާނެއް ނެރެފައި މިވަނީ މި މައްސަލާގައި އަދާލަތު ޕާޓީން ބަޔާނެއް ވަރުވެސް ނެރެފައި ނުވާތީ އާއްމުންގެ އެތައް ބަޔަކު ކަންބޮޑުވުންފާޅު ކުރަމުން އަންނަ ކަމަށެވެ. އަދާލަތު ޕާޓީ އަކީ ސަރުކާރު ކޯލިޝަން ޕާޓީއެކެވެ.