ކޮވިޑް-19 އާ ދެކޮޅަށް ދައުލަތުން ކުރި ޚަރަދު ތަކުގެ ޖުމުލަ އަދަދު 976 މިލިއަން ރުފިޔާ އަށް އަރާފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އަންނަނީ ކޮވިޑް-19 ހުއްޓުވުމާއި ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ ޚަރަދުގެ ޚުލާސާ ރިޕޯޓެއް އާންމު ކުރަމުންނެވެ. އެގޮތުން މިފަހަރު ރިޕޯޓުގައި އާންމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކުރި ޖުމުލަ ޚަރަދު ބިލިއަނަކާ ކައިރި ކުރެއެވެ.
އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުންނެވެ. މުޅި ޚަރަދުތަކުގެ 65 އިންސައްތަ ޚަރަދު އަމާޒުވެފައިވަނީ އެ އިދާރާއަށެވެ. އެއީ 641 މިލިއަން ރުފިޔާއެވެ. މިއީ ޓެސްޓުތަކާއި، ޕީޕީއީ އަދި ވެންޓިލޭޓަރުތަކާއި އައިސޮލޭޝަން އަދި ފަރުވާދޭ ތަންތަން ގާއިމްކުރުމަށް ހިނގާފައިވާ ޚަރަދުތަކެވެ.
ސީދާ ކޮވިޑާ ގުޅިގެން ކުރަން ޖެހޭ ފަރުވާތައް ކުރުމަށް 466 މިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައެވެ. އާންމުންނަށް އެހީތެރިވުމަށް ދައުލަތުން ކުރި ޚަރަދު 114 މިލިއަނަށް އަރާއިރު ދަތުރުތަކަށް 4.2 މިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައެވެ.
ސާމާނު ހޯދުމަށް ދައުލަތުން ކުރި ޚަރަދުތަކުގެ ޖުމުލަ އަދަދު 180 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ނިއުނޯމަލް ރާއްޖޭގައި އެކްޓިވޭޓު ކޮށް ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއް ވަނީ މިހާރު ދީފައެވެ. ނަމަވެސް ސިއްހީ މާހިރުން ވަނީ ފަރުވާ ކުޑަ ނުކުރުމަށް އާންމުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.