Last Updated: November 23, 17:23
Saturday, November 23, 2024
ޚަބަރު

ޔޫކޭ އިން ލުއި ދިން ގައުމުތަކުގައި ރާއްޖެ ނުހިމެނެ

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ބޯޑަރުތައް އިނގިރޭސިވިލާތުން ހުޅުވާލި ނަމަވެސް ދަތުރުކުރެވޭނެ ލުއި ދިން ގައުމުތައް ކަނޑައެޅިއިރު އެ ލިސްޓުގައި ރާއްޖެ ހިމެނިފައެއް ނެތެވެ.

ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ގައުމުތަކުން އިނގިރޭސި ވިލާތަށް ދަތުރުކުރެވޭ ގޮތް ހެދިއިރު، 59 ގައުމެއްގެ ރައްޔިތުންނަށް ވަނީ ކަރަންޓީނު ކުރުމެއް ނެތި އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ދީފައެވެ.

ނަމަވެސް އޭގެ ތެރޭގައި ރާއްޖެ ހިމަނާފައިނުވަނީ އަދިވެސް ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިފައިނުވާތީއެވެ. އެހެންކަމުން ދިވެހިން އިނގިރޭސި ވިލާތަށް ދާއިރު 14 ދުވަސް ކަރަންޓީނުގައި ތިބެން ޖެހޭނެއެވެ.

ރާއްޖޭގެ ބޯޑަރުތައް މިމަހުގެ 15 ގައި ހުޅުވާލާއިރު އިނގިރޭސި ވިލާތުން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާނެ ގިނަ މީހުން ދަތުރުކުރާނެ އެއް މަންޒިލަކީ ރާއްޖެ ކަމަށް އެގައުމުގެ ބައެއް ނޫސް ތަކުން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ބޯޑަރު ހުޅުވާލައި ރާއްޖެއަށް ދަތުރުކުރުމަށް ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ކޮށްފައެވެ.

ނަމަވެސް ބޯޑަރު ހުޅުވިޔަސް ވަރަށް ގިނަ ރިސޯޓުތައް އަދިވެސް ހުޅުވަން ނިންމާފައެއް ނުވެއެވެ.