ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ފުލުހުން ހައްޔަރުކުރި 19 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެމީހުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
ބޮޑު ފިނޮޅުގައި ހަމަނުޖެހުން ހިންގަމުންދާ ކަމަށާއި އަދި ދިވެހިންތަކެއް ރަހީނު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުރަތަމަ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ދިއުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައި ކަމަށް ފުލުހުން ބުންޏެވެ. އެކަމާއި ގުޅިގެން އިތުރު ފުލުހުންނާއެކު ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިއުމުން އެމީހުން ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
އެގޮތުން ހިންގި ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތެއް ލިބުމާއި ގުޅިގެން އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހްގީގު ޓީމެއް ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއެކު ރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް އެރަށުގައި ތިބި ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓްގެ ފުލުހުންނާއި ފުލުހުން ތަހުގީގު ޓީމު އެރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމަށް ހިނގާފައެއް ނުވާކަން ފާހަގަކޮށް ފުލުހުން ބުނީ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތްކުރެވި، އެރަށުގައި ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޝާމިލްވާ ކަމަށް ބެލެވޭ 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ ޓީމުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުން ކަމަށާއި އަދި އެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.