Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ކެފޭ ރެސްޓޯރަންޓުތަކުގައި ސިނގިރޭޓު ބޮވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

ކެފޭ، ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި އުސޫލު ބަދަލުކޮށްފިއެވެ.

އެޗްޕީއޭ އިން މިދިޔަ މަހުގެ 21ވަނަ ދުވަހު ނެރުނު އުސޫލެއްގައި ބުނީ ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާވާނެ ކަމަށެވެ.

ނަމަވެސް، އެ އުސޫލު އިސްލާހުކޮށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު އަލުން އެ އުސޫލު ވަނީ އާންމުކޮށްފައެވެ. އިސްލާހުކޮށް ނެރުނު އުސޫލުގައި، ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ސިނގިރޭޓާއި، ޝީޝާ އަދި އީސިނގިރޭޓު ބުއިން މަނާ ކުރަން އަންގާފައި ނުވެއެވެ.

ނަމަވެސް އެގޮތަށް އުސޫލު ބަދަލުކުރި ސަބަބެއް ނޭނގެއެވެ. މީގެކުރިން ނެރެފައިވާ އުސޫލުގައި މަސައްކަތު މާހައުލުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުވައްޒަފުންނަށް ރަނގަޅަށް ބަޔާންކޮށްދީ، މުވައްޒަފުންނަށް ފެންނަ ގޮތަށް ލިޔެފައި ބެހެއްޓުމަށާއި ތަނަށް ޒިޔާރަތް ކުރާފަރާތްތަކާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފެންނަގޮތަށް ބެހެއްޓުމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުންނަން ވާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

އަދި ބުފޭ ފަދަ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް އެޅުމުގެ ބަދަލުގައި ސާރވް ކުރުމަށް ވަކި މުވައްޒަފަކު/މުވައްޒަފުން ކަނޑައަޅާފަ ބެހެއްޓުމަށާއި އަދި އޭނާ އަންގި ލައްވާ މާސްކުއަޅައިގެން ހުރުމަށް ވެސް ވަނީ އެ އުސޫލުގައި ބުނެފައިވެއެވެ.