ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ކުރެވީނީ އަށް މަސް ފަހުން ކަމަށް މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރާ ހަވާލުކުރީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި މަސައްކަތް ނިންމަން އޮތް ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ކަމަށެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ ހިޔާ ފްލެޓުތައް ނިންމޭނެ ކަމަށް ކޮންޓްރެކްޓަރު އަންގަނީ އިތުރު އަށް މަސް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެޕާޓްމަންޓުތަކުގެ ތަޅުން އެޅުމާއި ފެން މީޓަރު ހަރުކުރުމާއި ކަރަންޓު ގުޅުމަށް އެ މުއްދަތު ނަގާނެތީ ކަމަށެވެ.
އަސްލަމް އެ ވިދާޅުވި ގޮތަށް އެ މަސައްކަތަށް އިތުރު އަށް މަސް ނަގާނަމަ، އެތަނަށް މީހުންނަށް ވަދެވޭނީ ފެބްރުއަރީ މަހު އެވެ.
"އެހެންވީމަ މީގެން ތަނަކަށް މީހަކަށް ވަދެވޭނީ އަށް މަސް ދުވަސްފަހުން،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހިޔާ ފްލެޓުތައް ހަވާލު ކުރުމަށް ސަރުކާރުން އެއްވެސް ލަސް ކަމެއް ނުގެންގުޅޭ ކަމަށެވެ. އިތުރު 8 މަސް ވާނެ ކަމަށް ވިދާޅުވީ މިވަގުތު ޕްރޮޖެކްޓް ހިނގަމުން އަންނަ ސްޕީޑާއި އެކު ކަމަށް އޭނާ ވިދާޅުވިއެވެ. ކޮވިޑް19 ގެ ސަބަބުން ހަތަރު މަސް މިއަހަރުންވެސް ގެއްލިގެން ހިނގައްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެކުރިން ސަރުކާރުން ކޮންޓްރެކްޓަރުގެ ގާތުގައި ބުނެފައި ވަނީ އަވަހަށް މަސައްކަތް ނިންމުމަށް ކަމަށާއި އެއްވެސް ހާލެއްގައި ޕްރޮޖެކްޓު ނިންމަން ވަކި ތާރީހެއް ކަނޑައަޅާފައި ނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް މިއަދު ސަރުކާރުން ރައްޔިތުންނަށްވެސް ހާމަ ކުރީ ދެން ފްލެޓުތައް ނިމިގެން ދާނެ ސީދާ ދުވަސް ކަމަށް އަސްލަމް ވިދާޅުވިއެވެ.