ރާއްޖޭގައި ހިނގާ ކަންކަމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ތާޒާ ކަންމަތީގައި ގެނެސްދެމުން އަންނަ ޓެލެގްރާމް ޗެނަލެއް ކަމަށްވާ އެމްވީ ކްރައިސިސް އިން ދޮގު ހަބަރު ފަތުރާ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމައިފިއެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް މަގުމަތީގައި ތިއްބާ އެ މުވައްޒަފުންތައް މުޒާހަރާ ކުރަނީ ކަމަށް ބުނެ އެމްވީ ކްރައިސިސް އަށް ލާފައިވާ ވީޑިއޯ އަކާއި ގުޅިގެންނެވެ. ބިދޭސީންނަށް މުސާރަ ނުދޭ ކަމަށްބުނެ މިފަހަކަށް އައިސް މިފަދަ އެތައް ވީޑިއޯތަކެއް އެކި ކުންފުނިތަކާއި ގުޅިގެން އާއްމުވަމުން އަންނަ ދަނޑިވަޅެއްގައި އާރްސީސީ އަށް ނިސްބަތްކޮށް އެފަދައިން ބުނެފައިވާތީ އެ ކުންފުނިން ވެސް ވަނީ ޓްވީޓެއް ކޮށްފައެވެ.
އެކުންފުނިން ބުނީ އެ ވީޑިއޯގައި ފެންނަނީ މުވައްޒަފުން ވޯކް ވިސާ ކާޑު ހެއްދުމަށް ފޮޓޯ ނެގުމަށް މ. ފޮޓޯ ފްރެންޑު ކައިރީގައި ކިއުގައި ތިއްބާ ކަމަށެވެ. އަދި އެގޮތަށް މުވައްޒަފުން ތިއްބާ މުވައްޒަފުން މުޒާހަރާ ކުރަނީ ކަމަށްބުނެ އެމްވީ ކްރައިސިސް އިން ދޮގު ހަބަރު ފަތުރާފައި ވާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އެ މައްސަލާގައި ދައުވާ ކުރާނެ ކަމަށް އާރްސީސީން ބުނެއެވެ.
އާރްސީސީގެ ޗެއާމަން އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާރްސީސީގެ ޗެއާމަންގެ ހައިސިއްޔަތުން އެމްވީ ކްރައިސިސްގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ފޭކް ނިއުސް އަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު ހުޅުމާލޭގައިވެސް ބިދޭސީންތަކެއް ވަނީ މުޒާހަރާ ކޮށްފައެވެ. އެމީހުންނަކީ ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދާ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންނެވެ. އެމީހުން މުޒާހަރާ ކުރީ މުޒާހަރާ ނުދޭ ކަމަށް ބުނެއެވެ.