Last Updated: November 23, 17:23
Saturday, November 23, 2024
ޚަބަރު

ޖަނަވާރުން ހިމާޔަތް ނުކުރާނަމަ ބަލިތައް ފެތުރުން ނުހުއްޓޭނެ: އ.ދ

ޖަނަވާރުން ހިމާޔަތް ނުކުރާ ނަމަ ޖަނަވާރުންގެ ފަރާތުން އަރާ ބަލިތައް އިތުރުވެ، ދުނިޔެ ހުއްޓުމަކަށް ގެންނަ ބަލިމަޑުކަން ފެތުރުން ނުހުއްޓޭނެ ކަމުގެ އިންޒާރު އދ. އިން ދީފިއެވެ.

މިހާރު ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮވިޑް-19 އަކީ ވެސް ވާލެއްގެ ޒަރިއްޔާއިން އުފެދުނު ބަލިމަޑުކަމެއް ކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު މިހާތަނަށް މިބަލި ފެނުނު ސީދާ ޒަރިއްޔާއެއް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ހާމައެއް ނުކުރެއެވެ.

ނަމަވެސް އދ. އިން ވަނީ ކޮވިޑަކީ ވެސް ޖަނަވާރުންގެ ކިބައިން ފެތުރޭ "ޒޫޓޯނިކް" ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ކޮވިޑްގެ އިތުރުން ވެސް 1300ގެ އަހަރުތަކުގައި މުޅި ދުނިޔެއިން އެތައް މިލިއަން މީހުން މަރުވި "ބްލެކް ޕްލޭގް" ފެނިގެން ޗައިނާގެ ސިޓީއެއް މިހާރު ވަނީ ބަންދުކޮށްފައެވެ.

ޗައިނާ އިން ބުނެފައިވަނީ މޮންގޯލިއާ ގެ ކަންބަޅި ހުއިހައްޕާ މީހެއްގެ ފަރާތުން ބުބޮނިކް ޕްލޭގްއަށް ޕޮސިޓިވްވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ނަމަވެސް އެހިސާބުން ޖަނަވާރު ހިފުމާއި ވިއްކާ ހެދުން ހުއްޓާލުމަށް ޗައިނާ ސަރުކާރުން ވަނީ ގޮވާލާފައެވެ.