Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ކޮވިޑަށް ވެކްސިންއެއް އޮގަސްޓުގައި އިންޑިޔާއިން ނެރެނީ

ކޮވިޑް-19 އަށް ވެކްސިންއެއް އިންޑިޔާއިން ތައްޔާރުކުރަމުން އަންނައިރު ވެކްސިން ހެދުމަށް ދީފައިވާ ވަގުތާމެދު އިންޑިޔާ ސައިންސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންޑިއަން އެކެޑެމީ އޮފް ސައެންސް އިން ވަނީ ތެޅިގަނެގެން ވެކްސިނެއް ހެދުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެކަން ނުކުރުމަށް ގޮވާލާފައެވެ.

ނަމަވެސް އިންޑިޔާ ކައުންސިލް އޮފް މެޑިކަލް ރިސާޗުން ބުނެފައިވަނީ އޮގަސްޓު 15 އަކީ ޑެޑްލައިންއެއް ނޫން ކަމަށާއި އެއީ ވެކްސިން ތައްޔާރުވާނެ ކަމަށް އަންދާޒާ ކުރެވޭ ތާރީޚު ކަމަށެވެ. އޮގަސްޓު 15 އަކީ އިންޑިޔާގެ މިނިވަން ދުވަސް ކަމަށްވާއިރު އެދުވަހަށް ވެކްސިން ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިވާހަކަތައް ދެކެވެން ފެށީ، އައިސީއެމްއާރްގެ ޗީފް، ބަލްރާމް ބަރްގާވާ، ވޮލަންޓިއަރުން ހޯދަން ފޮނުވި ސިޓީއެއް އާންމުވުމާ ގުޅިގެންނެވެ. އޭގައި އޭނާ ވަނީ 'ހިއުމަން ޓްރަޔަލްސް' ވަރަށް އަވަހަށް ބޭނުންވާ ކަމަށާއި އޮގަސްޓު 15 އަށް ވެކްސިން ތައްޔާރު ކުރުމަށް ވަގުތަކީ އެންމެ މުހިންމު ކަން ކަމަށް ބުނެފައެވެ.

މިގޮތަށް އަވަސް އަރުވާލައިގެން ވެކްސިނެއް ތައްޔާރު ކުރާ ނަމަ އޭގައި ހިފަހައްޓަން ޖެހޭ ގަވާއިދުތަކަށް މުޅިން ނުފެތޭނެ ކަމަށް ސައެންސް އެކެޑެމީން ވަނީ މެޑިކަލް ރިސާޗު ކައުންސިލަށް އިންޒާރު ދީފައެވެ. އަދި އޭގެއިން އިންޑިޔާގެ އަގު ވެއްޓުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އެމީހުން ފާހަގަކުރިއެވެ.

ކޮވިޑް 19 އަކީ މުޅިން އަލަށް ފެނުނު ވައިރަސްއެއް ކަމުން ވެކްސިންއެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތައް ވަނީ ދިމާވެފައެވެ. މިފަދަ ވެކްސިންއެއް އުފެއްދޭނީ އަހަރުތައް އެ މަސައްކަތުގައި ހޭދަކޮށްގެންނެވެ.

ނަމަވެސް މުޅި ދުނިޔޭގައި ވެސް ކަމާ ބެހޭ ސައިންސްވެރިން މިހާރު އެންމެ ބުރަކޮށް ކުރަމުން އަންނަ މަސައްކަތަކީ ކޮވިޑަށް ވެކްސިނެއް ހޯދުމުގެ މަސައްކަތެވެ.