މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިޚާބު، ފުލުހުން ފޮނުވައިގެން ހުއްޓުވިނަމަ ފީފާއިން ރާއްޖެ ސަސްޕެންޑު ކުރާނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ގަވާއިދާއި ޚިލާފަށް ބާއްވާ ކަމަށް ބުނެ މަޖިލީހުން ހުއްޓުވަން އެދިފައި އޮތް އެފްއޭއެމްގެ އިންތިޚާބު، ބުރާސްފަތި ދުވަހު ވަނީ ބާއްވައި މިހާރުގެ ރައީސް ބައްސާމް އާދިލް ޖަލީލް ވަނީ ދެވަނަ ދައުރަކަށް ހޮވިފައެވެ.
މިކަމާ ގުޅިގެން ޔޫތް މިނިސްޓަ މަހްލޫފް މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ. މިބައްދަލުވުމުގައި މަހްލޫފާއެކު ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމްގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް އަދި ސްޕޯޓްސް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ވެސް ހާޒިރުވެ ތިއްބެވެ.
އެފްއޭއެމްގެ ހިންގާ ގަވާއިދާއި ފީފާގެ ގަވާއިދަށް ފެއްތުމަށް ފަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށާއި އެއާ ޚިލާފަށް ބާއްވާނަމަ ފިޔަވަޅު އެޅުމަށް މަޖިލީހަށް ހުށައެޅި ގަރާރެއްގައި ޔޫތް މިނިސްޓްރީއަށް ވަނީ އަންގާފައެވެ. އެއާ އެއްގޮތަށް މިނިސްޓްރީން ވަނީ އިންތިޚާބު ފަސްކުރުމަށް އެފްއޭއެމަށް ސިޓީއެއްވެސް ފޮނުވާފައެވެ.
ނަމަވެސް އިންތިޚާބު ބޭއްވީ، އެފްއޭއެމުން ބުނާ ގޮތުގައި ނުބާއްވައިފިނަމަ ފީފާގެ ގަވާއިދާއި ޚިލާފުވެ ފިޔަވަޅު އަޅާފާނެތީ ކަމަށެވެ.
ފީފާ އިން ވަނީ ތިންވަނަ ފަރާތެއްގެ ނުފޫޒު، އެފްއޭއެމަށް ފޯރާ ނަމަ ރާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ކުރިން ވެސް ދީފައެވެ.
މަހްލޫފް ވިދާޅުވީ ފުލުހުން ފޮނުވައިގެން ގަދަ ބާރުން އިންތިޚާބަށް ހުރަސް އެޅި ނަމަ ފީފާ އިން އެކަން ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އެކަން އެގޮތަށް ވެއްޖެނަމަ ކުށްވެރިވާނީ ޚުދު އެމަނިކުފާނާއި، ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
ފީފާ އިން ރާއްޖެ ސަސްޕެންޑު ކޮށްފިނަމަ ރާއްޖެއަށް ލިބޭނެ އެއްވެސް މޮޅެއް ނެތް ކަމަށާއި ހުރިހާ ގެއްލުމެއް ލިބޭނީ ދިވެހި ފުޓުބޯޅައަށް ކަމަށް މަހްލޫފް މިކޮމިޓީ ބައްދަލުވުމުގައި ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ކަންކަން ބަދަލުކުރެވޭނީ މަޖިލިސް ރައީސް ނުވަތަ މެމްބަރުން ނުވަތަ ރައީސުލް ޖުމުހޫރިއްޔާ އަށް ވެސް ނޫން ކަމަށެވެ. އެފަދަ ނުފޫޒެއް ވަދެއްޖެކަން ފީފާއިން ގަބޫލުކުރާނަމަ އެއީ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ވަނީ ކަމަށް ބަލައި ފިޔަވަޅު އެޅުން ގާތް ކަމަށާއި، ކަންކަން ބަދަލުކުރާނަމަ އެކަން ކުރަންވީ ކުލަބުތަކުން ކަމަށެވެ.
އެއީ ކުލަބުތަކަކީ ސީދާ އެފްއޭއެމްއާ އެފިލިއޭޓުވާ ޖަމިއްޔާތަށް ކަމަށާއި ކުލަބުތަކުން ހިތްހަމަ ނުޖެހޭ ނަމަ އެކަން ފާހަގަކޮށް ބަދަލުކުރުން ބުއްދިވެރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްއޭއެމާ ދެކޮޅަށް ތެދުވުނު ކުލަބުތަކާ ދެކޮޅަށް ފިޔަވަޅު އަޅައި ބަނގުރޫޓު ވުމާ ކައިރިއަށް ވަނީ އައިސްފައެވެ.