ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީގެ) ގެ ރައީސް އަހުމަދު ސުލައިމާނާއެކު އެ ކޮމިޝަނުގެ ހަތަރު މެންބަރަކު ވަކިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމެޓީން އެގޮތަށް ފާސްކުރީ އެ ކޮމެޓީގެ ތެރެއިން އެކުލަވާލި ސަބް ކޮމެޓީން ނިންމާފައިވާ މައްސަލަ އާއި ގުޅިގެންނެވެ. އެގޮތުން އެންއައިސީން ވަކި ކުރުމަށް ނިންމާފައި ވަނީ އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން މެމްބަރު ހަދީޖާ އަބްދުﷲ އެވެ.
މި ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއެވެ. ވިސާމްގެ އެ ހުށަހެޅުން މިއަދު ވަނީ ފާސްވެފައެވެ.
ކޮމެޓީގެ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގެ ހަތަރު މެންބަރުން ޒިންމާ އަދާއެއް ނުކުރައްވައެވެ. ޒިންމާ އަދާ ކުރައްވާ ކަމަށް މެންބަރުންނަށް ގަބޫލުކުރެވެނީ އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް (ރޓޑ) އަހްމަދު ޖިހާދުއެވެ. އެހެންކަމުން ޖިހާދު ވަކި ކުރާކަށް ނުނިންމައެވެ.
އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ.