ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހީމް ސޯލިހު އަންގަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ އަންގަވާފައިވާ ކަމަށް ހޫދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެންގެވީ ސީދާ ކޮން ސަބަބަކާއި ހެދި ކަމެއް ހޫދު ވިދާޅުނުވި ނަމަވެސް އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެންގެވީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށްވެއެވެ.
ރައިސުލްޖުމްހޫރިއްޔާ އަލީ ވަހީދު އިސްތިއުފާ ދިނުމަށް އެންގިއިރު މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ. އެ އޯޑިއޯތަކުގައި ސަރުކާރުގެ ބައެއް އިސްވެރިންނަށް ފާޑު ވިދާޅުވެފައިވާއިރު ބައެއް އޯޑިއޯ ކްލިޕުތަކުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭ ގޮތުން އިޖުތިމާއީ މިންގަނޑާއި ހިލާފު ވާހަކަތަކެއް ވެސް ވަނީ ދައްކަވާފައެވެ.