ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކަށް އެކުންފުނީގެ ބޯޑުގެ ނިންމުމަކާ ނުލައި މެލޭޝިޔާއިން ކޯހެއްގެ ސްޕޮންސަރޝިޕް 05 އަހަރު ދުވަހުގެ ޕޭލީވްއަކާއެކު ހަމަޖައްސައި ދިން މައްސަލާގައި އެކުންފުނީގެ އެސިސްޓެންޓް މެނޭޖަރ އަހުމަދު މަޝްހޫދު ގެ މައްޗަށް ދައުވާ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މަޝްހޫދުގެ މައްޗަށް ދައުވާ ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ މެލޭޝިއާގެ އޭޝިއަން ޕެސިފިކް ޔުނިވަސިޓީ ކޮލެޖް އޮފް ޓެކްނޮލަޖީ އެންޑް އިނޮވޭޝަން (ޔޫސީޓީއައި) އިން "ޑިޕްލޮމާއިން ބިޒްނަސް އެޑްމިނިސްޓްރެޝަން ލީޑިން ސެކެންޑް އިޔާ އިންޓު ޑިގްރީ ލެވެލް 02 އޮފް ބީއޭ އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް" ކޯހުގައި ކިޔެވުމުގެ ފުރުސަތު ހޯދުމަށް ފަހު، އެކޯސް އެ ކުންފުނީގެ ފަރާތުން ސްޕޮންސާ ކޮށްދިނުމަށް އެދި 2012 ޖެނުއަރީ 25 ވަނަ ދުވަހު ޕޯޓް ލިމިޓެޑްގެ މުވައްޒަފަކުން ކުންފުންޏަށް ހުށަހެޅި ސިޓީއާ ގުޅިގެން އަހުމަދު މަޝްހޫދު އަމަލު ކުރި ގޮތާއި ގުޅިގެންނެވެ.
އޭސީސީން ބުނީ އެ މުވައްޒަފުގެ ކޯސް މެލޭޝިޔާގައި ފެށި އިރު ކުންފުނީގެ ފަރާތުން އެކޯސް ސްޕޮންސާކޮށްދީފައިނުވާ ކަމަށާއި ނަމަވެސް އޭނާ ހުށަހެޅި ސިޓީއާ ގުޅިގެން 2012 މާޗް 18ގައި ތިން އަހަރު ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީއެއް އެކުންފުނިން ދީފައިވާ ކަމަށެވެ. އޭސީސީން އަދި ބުނީ މުވައްޒަފު މެލޭޝިއާ އަށް ފުރީ ޕޯޓް ލިމިޓެޑްގެ ބޯޑަށް ހުށަހަޅައިގެން އޭނާގެ ކޯސް ސްޕޮންސާކޮށްދޭނެ ކަމުގެ ޔަގީންކަން އެކުންފުނީގެ ކުރީގެ މެނޭޖިންޑިރެކްޓަރު ދިނުމުން ކަމަށް، އެކަމާގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ އެޗްއާރު ކޮމެޓީގައި ބައިވެރިވެފައިވާ އެކުްނފުނީގެ ތިން މުވައްޒަފު ބުނެފައިވީ ނަމަވެސް މެނޭޖިންޑިރެކްޓަރު އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި 2012 ވަނަ އަހަރުތެރޭ ޕޯޓް ލިމިޓެޑްގެ ބޯޑު އުވާލުމާ ހަމައަށް ވެސް އެމުވައްޒަފުގެ ކޯހާއި ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއްކޮށްފައިނުވާ ކަމަށް މައްސަލައިގެ ތަހުގީގަށްފަހު އާންމުކޮށްފައިވާ ބަޔާނުގައި އޭސީސީން ވަނީ ބުނެފަ އެވެ.
އެކޮމިޝަނުން އަދި ބުނީ 2012 ވަނަ އަހަރުގެ މެއި މަހުތެރޭ އެ ކުންފުނީގެ ބޯޑު އަލުން އެކުލަވާލި ފަހުން ބޯޑުގެ މެނޭޖިން ޑިރެކްޓަރު ގާތުގައި އެ ކުންފުނީގެ ފަރާތުން އެމުވައްޒަފުގެ ކޯސް ސްޕޮންސާ ކުރުމުގެ ވާހަކަ ބުނެފައި ވަނީ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ އަހުމަދު މަޝްހޫދު ކަމަށެވެ. އަދި ބޯޑަށް ހުށަހެޅުމަށް ބޭނުންވަ ލިޔެކިޔުންތައް އަހުމަދު މަޝްހޫދުކަން ލިޔެކިޔުންތަކުންނާއި އޭސީސީ އަށް ލިބިފައިވާ ބަޔާންތަކުން އެނގޭ ކަމަށެވެ