(އޮގަސްޓް 14، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
ޖެހިގެން އައި ދުވަހެވެ. ސަލީމް ގޭ މީހުންނާ އެކު ސައިބޯން އިނެވެ.
"ބައްޕާ އަޅުގަނޑުމެން ކައިވެނީގެ ފަހުން އަދި ބޭރަށް ނުދެވެއެއްނު. އެހެންވެ އަޅުގަނޑު ގަސްތު ކުރަނީ މާދަމާ އަޅުގަނޑާއި ނީލާ އިންޑިޔާ އަށް ޖައްސާލާން ކަމަށް އެކަމަކު…"
"އެކަމަކު ކީއްވީ…ދާން ބެނުމީއްޔާ ދޭ."
"އެކަމަކު ކޮމްޕެނީގެ ވަރަށް މުހިއްމު ބައްދަލު މެއް ވެސް އެބަ އޮތް. ދެ ދުވަހެއްގެތެރޭ އެ އަށް އެޓެންޑް ބައްޕަ ވަނިކޮށް ފިކުރަކާ ނުލާ އަޅުގަނޑަށް އިންޑިޔާ އަށް ދެވިދާނެ."
"ކޮމްޕެނީގެ މަސައްކަތް ނިމޭނެ ދުވަހެއް ނާންނާނެ. ކަލޭމެން ކުދިން ގޮސްލާފަ އާދޭ…އޯކެވާނެ" ޔޫނުސް ހުއްދަ ދެއްވި އެވެ. ސަލީމް ވެސް ޝުކުރު އަދާކުރުމަށް ފަހު ދިޔައީ ނީލާ ކައިރިއަށެވެ.
"ސަލީމް ބައްޕަ ކައިރީ ބުނީމެއްނު އިންޑިޔާއޭ…އެކަމަކު މިއީ ލަންކާ ޓިކެޓެއްނު." ކޮޓަރީގައި ފޮށި ތައްޔާރު ކުރަން ހުރެފައި ސަލީމް އައިސް ވަނުމުން ނީލާ ބުންޏެވެ.
"އާނ…އަހަރެން ނީލޫ އަށް ސަޕްރައިޒެއް ދިނީއްޔޭ."
ނީލާ ވެސް އިތުރު އެއްޗެކޭ ނުބުނެ ހިމޭންވި އެވެ.
ޖެހިގެން އައި ދުވަހު ޔޫނުސް އޮފީހަށް ދިޔައީ ދިހައެއް ޖަހާކަންހާއިރެވެ. އޭރު ކޮމްޕެނީގެ އެކައުންޓެންޓް ޔޫނުސް ގެ އިންތިޒާރުގައި އިނެވެ.
"އަނހަ…ސުލައިމާން ކިހިނެއްވެފަ ތިއިނީ؟"
"އަޅުގަނޑަށް ހީވަނީ ދެން އުނައިސް މި ކުންފުނީގެ ކަންތަކަށް ގެންނަންވީހެން. އޮޑިޓް މީހާ ދީފަ މިއިން ރިޕޯޓް މާކަ ރަނގަޅެއް ނޫން."
"މީޓިންއަށް މީހުން އައިސް އެބަތިބި." އެވަގުތު ކާތިބު މީހާ އައިސް ބުނެލި އެވެ.
"އެ މީހުން އެތެރެއަށް ވައްދާ."
އެ ވަގުތު ސުލައިމާން ހުރިހާ ލިޔެކިޔުންތައް ޔޫނުސް އަށް ދިއްކޮށްލި އެވެ.
"މީކޮންހާ ޕޭޕަރުތަކެއް؟"
"މިއީ މި ކުންފުނީގެ ކެއާޓޭކަ…އަޅުގަނޑުމެންގެ ކުންފުންޏަށް މި ކުންފުނި ވިއްކާލާފަ ވާކަމުގެ ލިޔެކިޔުން."
"ކެއަޓޭކާއޭ ވިއްކާލިއްޔާ… ކޯޗެކޭތަ ކަލޭމެން ތި ކިޔަނީ؟" ޔޫނުސް ހައިރާންވެފައި އަހާލި އެވެ. އަދި ވަކި ވަކިން ގަނޑުތަށް ބަލަން ފެށި އެވެ.
"މިހާރު އެއްވެސް ކަމެއް ނޭނގޭ ކަމަށް ދޯ ތިހަ ދަނީ؟ ބަލަ ޔޫނުސްއެއްނު ސޮއިކޮށްފަ މިއޮތީ 25 މިލިއަން ރުފިޔާ އަށް މި ކުންފުނި އަދި މިހުރިހާ ލާރިއެއް ވެސް ސަލީމަށް ވަނީ ލިބިފައޮ." ނިމްސް ކޮމްޕެނީގެ އެޗްއާރް މެނޭޖަރު ސައިފް ބުނެލި އެވެ.
އެ ވަގުތު ބޭންކު މެނޭޖަރު ވެސް ޗެކްފޮތްތައް ހިފައިގެން އަ އެވެ.
"ބައްލަވާ މިހިރީ ބައުންސްވީހާ ޗެކްތައް. މީގެ މާނައަކީ މިހާރު އެކައުންޓްގަ އެއްވެސް ލާރިއެއް ނެތޭ. އަދި މިހާރު މި ކުންފުނި މި އޮތީވެސް ބުލެކްލިސްޓުވެފައި. އެއް މަސްތެރޭ މި ދެ މިލިޔަން ބެންކަށް ނުދައްކައިފިއްޔާ ރަހުނުކޮށްފައިވާ ގެ ވެސް އަޅުގަނޑުމެން އަތުން ގެއްލޭނެ."
"މިހާރު މި ކުންފުންޏަށް އަޅުގަނޑުމެން އޮތް އިތުބާރު ގެއްލިއްޖެ. ދެން އަޅުގަނޑުމެން އެދެނީ ރީތި ގޮތުގަ އަޅުގަނޑުމެންގެ އަތުން މަސައްކަތަށޭ ކިޔާފައި އެޑްވާންސްކޮށް ނެގި ފައިސާ އަނބުރާ ދިނުމަށް. އެއީީ 9 މިލިޔަން ނަގުދު ރުފިޔާ. އެހެން ނޫނީ އަޅުގަނޑުމެން ޖެހޭނީ މިކަންތަށް ޝަރީއަތަށް ގެންދަން."
ޔޫނުސް އަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. އެ ވަގުތު އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ސަލީމް އޭނާ ލައްވާ ސޮއި ކުރުވި ދުވަހު ގެ ހާދިސާ އެވެ. ވަހީދާ ބުނި ޖުމްލަތަކެވެ. އެވަގުތު ޔޫނުސް އަރި އަޅަލިއެވެ. ޔޫނުސް އެމެޖެންސީގައި އައިޖީއެމްއެޗް އަަށް ގެންދެވުނެވެ. ޔޫނުސް ހާޓް އެޓޭކެއް ޖެހުނީ އެވެ.
ވަހި ދާއާއި ހުރިހާ ކުދިން ހޮސްޕިޓަލަށް އަ އެވެ. ވެގެން އުޅޭ ގޮތެއް އެކަކަށް ވެސް ނޭނގުނެވެ. ރަހްމާނު އެ ތަނަށް އައިސް ވީ ހުރިހާ ކަމެއް ކިޔައި ދިނެވެ. ކަރުނަ އެޅުން ފިޔަވައި މި ވަގުތު އިތުރު ގޮތެއް އެ މީހުންނަށް ނެތެވެ. ނީލާ އަދިވެސް ވީ ލަންކާގަ އެވެ. ގުޅޭނެ ގޮތެއް ވެސް ނެތެވެ. އައިޝާ އާއި އޭނަގެ ފިރިމީހާ އާއި އުނައިސް ހޮސްޕިޓަލުގަ ތިއްބެވެ. ތާނިޔާ ވެސް ވީ ކިޔަވަން އިންޑިޔާ އަށް ބަދަލު ވެފަ އެވެ.
ޑޮކްޓަރުންގެ މިންނެތް މަސައްކަތުން ޔޫނުސް ހޭ އެރި އެވެ، އޭނާ ވަށައިގެން ހޯދާލި އެވެ. އަދި ވަހީދާ އާ ނަޒަރު ދިމާ ކުރުމަށް ފަހު ގިސްލާފައި ރޯން ފެށިއެވެ. ކުޑަކުއްޖެއް ފަދައިންނެވެ.
(ނުނިމޭ)