ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ މިނިވަންވެއްޖެއެވެ.
މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއަކަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އަދީބާއިއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުގައި ޕްރޮސިކިއުޓަރު ޖެނެރަލް އާއި އަދި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރާއި ކަރެކްޝަންސް ޒިންމާވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ނުފޫޒުން އެއްކިބާވެގެން ކަމާއި މެދުވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ގާޒީ ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ދެވަނަ ފަހަރަށް ވެސް އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދީބާއި އެކުގައި އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު އެކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ބައިވެރިވުމެއް އޮތްކަން އެނގެން ނެތް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އިއުތިރާފްގެ އެއްބަސްވުމުގައި ސޮއި ކުރުވުމުގެ ކުރިން ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ވެސް ދައުލަތުން އަދީބާ އެކު ސޮއިކޮށްފައިވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހެދުމުގެ ބާރު ޖިނާއީ އިޖްރާއާތުގެ ގާނޫނުން ދަށުން ދައުލަތަށް ނުލިބޭ ކަމަށެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެންވެ އެ ދައުވާތައް ބާތިލްކުރީ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.