Last Updated: November 27, 01:11
Tuesday, November 26, 2024
ރިޕޯޓް

ވަކި ބަޔަކަށް "އޯގާތެރި" ވައުދު

އެމްޑީޕީގެ މެނިފެސްޓޯތަކާއި މިނީ މެނިފެސްޓޯތައް އިއްލާން ކުރަމުން ގޮސް އެންމެ ފަހުން މިވަނީ "އޯގާތެރި ސަރުކާރު"ގެ ނަމުގައި މެނިފެސްޓޯއެއް އާއްމުކޮށްފައެވެ.

ރ. ދުވާފަރުގައި "އޯގާތެރި ސަރުކާރު"ގެ މެނިފެސްޓޯ އިއްލާން ކުރައްވަމުން އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރެއްގައި އެމަނިކުފާނު އެކަނި ފަރިއްކުޅުއްވުމުން ހުރިހާ ކަމެއް ވަރިހަމަކުރެއްވުމަކީ އެ ޕާޓީން ގެންގުޅޭނެ އުސޫލެއް ނޫން ކަމަށެވެ.

އަދި އުމުރުން ދުވަސްވީ މީހުން ވޮޗަރުންގެ ގޮތުގައި ނިދިޖެހިފައި ތިބުމާއި ފަގީރުވެ ބިކަވެ ރައްޔިތުން ހޮޅުއަޅިތަކަށް ޖެހިފައި ތިބެން އެމްޑީޕީން ބޭނުން ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ "އޯގާތެރި ސަރުކާރުގައި" އިޖުތިމާއީ ރައްކާތެރިކަމަށް 16 ބިލިއަން ރުފިޔާ ހަރަދުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ފައިސާ ހަރަދު ކުރާނީ އުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިންނާއި ޔަތީމު ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތަކަށެވެ.

އެމްޑީޕީގެ މި ވައުދާއި ފައިތުވި ތިން އަހަރުގެ ސަރުކާރުގެ އޯގާތެރިކަމާއި މެދު ބަލާލަމާ ހިނގާށެވެ. އެމްޑީޕީން އޯގާތެރިކަމުގެ ވާހަކަ ފަށަނީ ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް ދޭން ފެށި އެލަވަންސްގެ ވާހަކައިންނެވެ. އެއީ އެމްޑީޕީން ދިވެހި ރައްޔިތުންނަށް ދޭން ފެށި އެއްޗެއްގެ ގޮތުގައި ބުނެއެވެ.

ނަމަވެސް ހަގީގަތަށް ދަމާ ހިނގާށެވެ. އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ދެމުންގެންދިޔަ އެލެވަންސަކީ އެމްޑީޕީ ސަރުކާރާއި ގުޅުމެއް އޮތް އެލެވަންސްއެެއް ނޫނެވެ. އެއީ ގާނޫނަކުން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް ދިން އެލަވަންސެކެވެ. އެ އެލަވަންސް ފާސް ކުރި މަޖިލިޙުގައި އެމްޑީޕީގެ ތާއިދެއް ނެތެވެ. ނަމަވެސް އެ އެލަވަންސް އަކީ އެމްޑީޕީން ފޯރުކޮށްދިން އެއްޗެއް ކަމަށް ބުނެ ރައްޔިތުން ވަނީ އޮޅުވާލާފައެވެ.

ދެން އޮތީ ބޭސްފަރުވާއަށް އެމްޑީޕީން ހަމަޖެއްސި އާސަންދައެވެ. "އާސަންދަ"ގެ ސަބަބުން ސަރުކާރުގެ "އޯގާތެރިކަން" ލިބުނީ ދިވެހި ރައްޔިތުންނަކަށް ނޫނެވެ. އެކަމުގެ ހަގީގީ މަންފާ ލިބުނީ އެމްޑީޕީގެ އިސް އެކްޓިވިސްޓުންނަށެވެ. އާސަންދައިގެ ދަށުން ބޭސް ރާއްޖެއެތެރެ ކުރުމަށް އެފްޓެކް ކިޔާ ކުންފުންޏަކަށް ސަރުކާރުގެ "އޯގާތެރިކަމުން" 11.85 މިލިއަން ރުފިޔާ ވަނީ ދީފައެވެ. މި ކުންފުނީގައި އިސްކޮށް އުޅުނީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. މިގޮތުން މަޝްހޫރު އެކްޓިވިސް ޕްރީޕެއިޑް ޝިއުނާ ހިމެނެއެވެ.

އެމްޑީޕީގެ ސަރުކާރުން އެޕާޓީގެ އިސް ބޭބޭފުޅުންނަށް މިކަހަލަ ވަރަށް ގިނަ އޯގާތެރިކަމާއި އަޅާލުންވަނީ ފޯރުކޮށްދީފައެވެ. ދައުލަތުގެ ބަޖެޓް ހުރި ގޮތައް ވަނީ ވަކި ބަޔެއްގެ ޖީބައް އޮއްސާލާފައެވެ.

2011 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ކުރި ހަރަދުތަކުގައި ސަރުކާރުގެ އޯގާތެރިކަން ވަނީ އިންތިހާއަށް ފެނިގެން ގޮސްފައެވެ. އެކަނިވެރި މައިންނާއި، ފިރިން، ޕާޓީ އެކްޓިވިސްޓުންނަށް ހޭދަ ކުރި ފައިސާ ތަކަށް ބަލާއިރު 16 ބިލިއަން ރުފިޔާ ހަރަދު ކުރައްވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

އެމްޑީޕީގެ ފާއިތުވި ސަރުކާރުގައި އެމްޑީޕީގެ ޗެއާޕާސަންގެ ހެވީ ލޯޑް ކުންފުންޏަށާއި ޑިޒާސްޓަ މެނޭޖްމަންޓް ކުންފުނީގެ އިސްވެރިންނަށް ވަނީ އޯގާތެރިކޮށް ހިތައި މިލިއަނުން ފައިސާދީފައެވެ. އަދި އެއްވެސް މަސައްކަތެއް ނެތި ތިބި ޕާޓީގެ އެތައް އެކްޓިވިސްޓުންނަށް ސިޔާސީ މަގާމު އުފައްދައި ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ވަނީ ހޭދަކުރައްވާފައެވެ. އެ ހުރިހާ ގޮތަކަށް ބަލާއިރު އެމްޑީޕީ އަކީ ވަކިބަޔަކަށް ވަރަށް "އޯގާތެރި" ސަރުކާރެކެވެ.

އަދި ހަމަ އެހެންމެ ޕާރޓީ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމުގައި ރައީސް ނަޝީދުގެ އޯގާތެރިކަން އިންތިހާއެވެ. ހަމައެކަނި މުލިޔާގޭގައި ވެސް 125 ސިޔާސީ ވަޒީފާ އުފެއްދިއެވެ. އެހެންކަމުން ނަޝީދުގެ ވެރިކަމުގައި ނާޖާއިޒު ގޮތްގޮތަށް ފައިދާ ލިބިފައި ތިބި މީހުންނަށް ނަޝީދުވަރުގެ އޯގާތެރި މީހަކު ނުހުންނާނެއެވެ.

ޕްރައިވަޓައިޒޭޝަނުގެ ތެރެއިން އެތައް ބަޔަކަށް ވަނީ ދައުލަތުގެ ފައިސާ ނަޖަމަގޮތުގައި ދީފައެވެ. އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުން އެ ހުރިހާ ހަގީގަތެއް މިއަދު އަންނަނީ ފަޅާއަރަމުންނެވެ.

ނިމިގެން ދިޔަ ނަޝީދުގެ ތިން އަހަރުގައިވެސް އުމުރުން ދުވަސްވީ މީހުން ތިބީ ތަންތަނުގެ ވޮޗަރުންގެ ގޮތުގައެވެ. އަދި ގާނޫނުން ކަށަވަރުކޮށްދިން 2000 ރުފިޔާ ލިބޭތޯ އޭގެ ހައްޤުވެރިން ބެންކްތަކާއި ޕޯސްޓް އޮފީސް ދޮށުގައި ދިގު ކިއު ހަދއިގެން އިންތިޒާރު ކުރުމަށްފަހު ފައިސާ ނުލިބި އެތައް ފަހަރަކު އެނބުރި ގެއަށް ގޮސްފައި އެބަހުއްޓެވެ. އެބައިމީހުންނަށް ގާނޫނުން ލިބިދިން ފައިސާކޮޅު ބަރާބަރަށް ނުލިބުމުގެ ޝަކުވާ ނިމިދިޔަ ސަރުކާރުގައި ހަރު އަޑުން ވަނީ އިވި ގޮސްފައެވެ. އެ ލިބެންޖެހޭ އެތައް ބަޔަކަށް ފައިސާ ނުލިބި މިދުނިޔެ އާއި އަލްވާދާއު ވަނީ ކިޔާފައެވެ.

ދައުލަތުގެ ފައިސާއިން 16 ބިލިއަން ހަރަދު ކުރައްވާނެ ކަމަށް ވިދާޅުވުން އެފައިސާ ބެހިގެންދާނެ ގޮތް ރައްޔިތުން މިހާރު ވިސްނޭނެއެވެ. އަދި ދައުލަތުގެ ފައިސާއަކީ ވެރިއަކު ހިތު ހުރި ގޮތަކަށް ބަހަން ހުރި ފައިސާއެއް ނޫންކަން ގަބޫލު ކުރަން ޖެހެއެވެ. މިއަދު އަޅުގަނޑުމެން މިދެކެމުންދާ ނިކަމެތި ކަމަކީ ނަޝީދުގެ އޯގާތެރިކަމުން ދައުލަތުގެ ބައިތުލްމާލް ވަކި ބަޔަކަށް ހިތުހުރި ގޮތަކަށް ދިނުމުން ލިބެމުން އަންނަ ނިކަމެތި ކަމެވެ. މިކަމަށް ހޭ އަރަން އެބަޖެހެއެވެ.