Last Updated: November 25, 17:24
Monday, November 25, 2024
ޚަބަރު

ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ނުފޫޒު ފޯރުވުން: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ހުކުމެއް ކުރާ ކޮންމެ ފަހަރަކު ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ފަނޑިޔާރުންނަށް ބިރު ދެއްކުން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި މައްސަލަ އާއި ގުޅިގެންނެވެ.

އެކަމަށް ފާޑު ވިދާޅުވެ އުޝާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ނުވަތަ މަޖިލީހުން ހިތްހަމަނުޖެހޭ ގޮތަށް ހުކުމެއް ކުރާ ކޮންމެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައި ފިޔަވަޅު އަޅާނެކަމަށްބުނެ ބިރުދެއްކުމަކީ ފަނޑިޔާރުންނަށް ނުފޫޒުފޯރުވުން ކަމަށެވެ. ހުކުމަކާމެދު ހިތްހަމަނުޖެހޭނަމަ ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އުޝާމްގެ ވިދާޅުވިއެވެ.

 

 

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އިއްޔެ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އިސްމާއިލް ރަޝީދު އެ ކޯޓުން ބޭރުކޮށްލާފައިވަނީ ގާނޫނުތަކާއި އިޖުރާތުތަކާއި ހިލާފަށް ކަމަށެވެ.

އަދި މި މައްސަލަތައް ކޯޓުން ބޭރުކޮށްލުމުގައި ދައުލަތާއި އަދީބާއި ދައުލަތާއި ދެމެދު ހަދާފައިވާ އެއްބަސްވުމަކަށް ހަވާލާދީ، އެއީ މަޖުބޫރު އެއްބަސްވުމެއް ކަމަށް ބަލައިގަނެ، އަދީބު މީގެކުރިން ދީފައިވާ އިއުތިރާފް ބަޔާންތައް ބާތިލުކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ފަނޑިޔާރު އިސްމާއިލް އަމިއްލަ އަށް ގޮތް ނިންމާފައިވަނީ އަދީބާއި ދައުލަތުގެ ބަހެއް ހޯދުމަކާއި ނުލައި ކަމަށާއި ކޮރަޕްޝަންގެ މިފަދަ ބޮޑު މައްސަލައެއް ގާނޫނުތަކާއި އިޖުރާތުތަކާއި ހިލާފަށް ކޯޓުން ބޭރު ބޭރުކޮށްލުމުގައި ނުފޫޒާއި ރިޝްވަތާއި ކޮރަޕްޝަންގެ އަމަލު އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލަ ބެއްލެވި އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމަށާއި، ކޯޓުން ބޭރުކޮށްލި މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ވެސް މި މައްސަލައިގައި ދައުލަތަށް ވަނީ ގޮވާލާފައެވެ.