ސަރުކާރު ކޯލިޝަންގައި އޮވެމެ އެމްއާރްއެމް އިން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ފާޑު ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހު ބާތިލް ކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިގާލީ ރައީސްކަން ކުރައްވާ އެމްއާރްއެމް އިން ނެރުނު ބަޔާނަށް ފާޑު ވިދާޅުވެ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކޯލިޝަންގައި އެމްއާރްއެމް އިން އޮވެމެ އެމްޑީޕީ އަށް ފާޑު ކިޔާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޝަރީފް އެ ޓްވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުންތައް ވަނީ ޝަރީފަށް އަމާޒުވެފައެވެ.
Coalition ga thibe MDP ah faadu MRM in siyaasee beynumah kiyuamakee balaiganeveyne kameh noon.
— Ibrahim Shareef (@AdduShareef) July 17, 2020
ޝަރީފް ވަނީ އެމްޑީޕީގެ މެންބަރުން ބަލައިނުގަންނަ ކަމަށްވާ ނަމަ ކޯލިޝަނުން ޖެހޭނީ ބޭރުވާން ކަމަށެވެ. އަދި އެމްޑީޕީ މެންބަރުން ބަލައި ނުގަންނަ ނަމަ ކޯލިޝަން ދޫކޮށްފައި ދާންޖެހޭ ދުވަސް އޮންނާނީ ވަރަށް ކައިރީގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
Dhannavanthoa vaahaka eh. MDP meehun balainugatheemaa maagina dhuvahaku coalition ga dhemi nuthibeveyne. Coalition dhookoffa dhaan jehey dhuvas onnaanee varah kaareega. https://t.co/pqXMZkUP8e
— Ibrahim Shareef (@AdduShareef) July 18, 2020
އެމްއާރްއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ އިސްލާހަކީ އެމްއާރްއެމް އިން ގަބޫލުކުރާ އުސޫލުތަކާއި ހިލާފު އަދި ގާނޫނުއަސާސީ އާއި ތައާރަޒުވާ އިސްލާހެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް އުނި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެމްއާރްއެމް އިން ބުނެއެވެ.
އެމްއާރްއެމް އިން ވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ ބަދަލުތައް އިސްލާހު ކުރުމަށް ވެރިކަމުގައި ތިބި ފަރާތްތަކުން އެއްބަސްވެފައިވާކަން ފާހަފަކޮށްފައެވެ.
އޭގެތެރެއިން ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް އެމްއާރްއެމް އިން ބުންޏެވެ. ނަމަވެސް އެ އިސްލާހު ހޯމް މިނިސްޓްރީން ހަނި ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއާރްއެމް އިން ބުނެއެވެ.
އެގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން ދަނީ، ގާނޫނުތައް ހެދުމާއި، ގާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާނެ އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ގާނޫނުތައް ބަދަލުކުރެވި، ގާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރެވި، ގާނޫނު އަސާސީ އިން ރައްޔިތުންނަށް އިންސާފު ލިބުމުން ކަމަށް އެމްއާރުއެމުން ބުންޏެވެ. އެމްއާރްއެމް އިން ވަނީ ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ގާނޫނުތައް އަވަހަށް އިސްލާހު ކުރުމަށް މަޖިލީހަށް ގޮވާލާފައެވެ.