Last Updated: October 16, 15:09
Wednesday, October 16, 2024
ޚަބަރު

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ބަލާލަން އިދިކޮޅުން ބޭނުންވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރުމަށް ފަށާފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލާލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެދިއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކިންގް ސަލްމާން މިސްކިތް ބޭނުން ކުރުން ލަސްވާތީ އާއްމުންގެ ފަރާތުން އެ ކޯލިޝަނަށް ކަންބޮޑުވުންތައް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން އާއްމުންގެ އެ ކަންބޮޑުވުންތަކާއި އެކުގައި އެ މިސްކިތުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލާލުމަށް އެ ކޯލިޝަނުން ބޭނުންވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެގޮތުން އެ ކޯލިޝަނުގެ ލީޑާޝިޕުގެ 20 ބޭފުޅަކަށް އެ މިސްކިތުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލާލުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އިދިކޮޅުން ވަނީ އެދިފައެވެ.

ސައުދީ ސަރުކާރުގެ އެހީގައި މާލޭގެ އިރުމަތީ ފަރާތުގައި އެޅި ކިންގް ސަލްމާން މިސްކިތް ހުޅުވުން ވަނީ ފަސްކޮށްފައެވެ. އެ މިސްކިތް ހުޅުވުން ފަސްކުރީ ކޮވިޑް19 ގެ ސަބަބުން ކަމަށް ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއަށް ފަންޑު ލިބުމުގައި ދަތިވެގެން އެ މިސްކިތުގެ ޑިޒައިން ޕްލޭން ފަހުން ވަނީ ބަދަލުވެސްކޮށްފަ އެވެ. އެގޮތުން ކުރިން އެތަނުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުންޏެވެ.

ފަންސަވީސް މިިލިއަން ޑޮލަރުގެ އެމިސްކިތް ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.